ހަބަރު

ފަރަށް އެރި މިފްކޯ ބޯޓު ފުންކޮށްފި

Oct 4, 2016

ސަތޭކަ ވިހި ޓަނުގެ މަހާއެކު މ. ވޭވަށް ކައިރީ އޮންނަ ދޮންގިރި ފަރަށް އެރި، މިފްކޯގެ މަސް ބޯޓު ފުންކޮށްފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ފަރަށް އެރި ބޯޓު ފުން ކުރެވިފައިވާ ކަމަށެވެ. ބޯޓު ފުންކޮށްފައިވަނީ އެ ކުންފުނީގެ "މަހާ ކަލަމިންޖާ 403" ބޭނުންކޮށްގެން ކަމަށެވެ.

ރޭ 10:00 ޖެހި އިރު ދޮންގިރި ފަރަށް މިފްކޯގެ "މަހާ ކަލަމިންޖާ 401" އަރާފައިވަނީ މަސް ބަރުކޮށްގެން ކޫއްޑޫ މަސް ކާރުހާނާ އަށް ދަތުރު ކުރަނިކޮށެވެ. އެ ބޯޓުގައި އޭރު މިލިއަނެއްހާ ރުފިޔާގެ މަސް ހުއްޓެވެ.

އަދްލީ ވިދާޅުވީ ބޯޓު އަރާފައި އޮތީ ވެލިގަނޑެއް އޮތް ތަނެއްގައި ކަމަށެވެ. ބޯޓު ފުންކުރުމަށް އެ ބޯޓުގައި ހުރި މަސް ހުސްކޮށްފައެއް ނުވެ އެވެ.

"ބޯޓު ކައިރިއަށް ފީނައިގެން ބެލިއިރު އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ބޯޓަކަށް ލިބިފައެއް ނެތް،" އަދްލީ ވިދާޅުވި އެވެ.

މިފްކޯ މަސް ކުންފުނީގައި ހަ ބޯޓު އޮޕަރޭޓް ކުރަމުންދާއިރު، "މަހާ ކަލަމިންޖާ 401" އަކީ އެ ކުންފުނީގައި ގެންގުޅޭ އެންމެ ބޮޑު އެއް ބޯޓެވެ.