އެޗްޑީސީ

ބީލަމުގެ އުސޫލުން ހުޅުމާލެ އިން ބިން ގަތުމަށް ހުޅުވާލައިފި

ހުޅުމާލެ އިން ބިން ގަތުމަށް ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީލަމުގެ އުސޫލުން ހުޅުމާލޭގެ ބީޗް ފަޅިން ވިއްކުމަށް ހަމަޖެހިފައިވަނީ 13 ގޯއްޗެވެ. މިއީ 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ ގޯތިތަކެކެވެ.

މި ބީލަމުގައި ބައިވެރިވެވެނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނި ތަކަށެވެ.

އެޗްޑީސީ އިން ބުނީ އެ ކުންފުނީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވާ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅޭނެ ކަމަށެވެ. އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރެވޭނެ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.

"ބިން ގަތުމަށް އެދޭ ފަރާތްތަކުން މި ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއިއުލާނާ އެކު ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ." އެޗްޑީސީގެ އިއުލާންގައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް ހުޅުމާލެ އިން ދެ ބުރެއްގެ މަތިން ބީލަމުގެ އުސޫލުން ބިން ވިއްކާފައިވެ އެވެ.