ވެމްކޯ

މާލޭގެ ކުނި އުކާ ލޭންޑިން ކްރާފްޓްތައް ބަންނަން އިންޑިއާ ކުންފުންޏަކަށް

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކުނި އުކާލަން ބޭނުންވާ ލޭންޑިން ކްރާފްޓްތައް ބަންނަން އިންޑިއާގެ ވިޖެއި މެރިން ޝިޕްޔާޑް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓާ ފުއާދު އިބްރާހީމް އެވެ. ވިޖޭ މެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ބިޒްނަސް ހެޑް ސޫރަޖް ޖައިރަމް ދައިލާނީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުއާދު ވިދާޅުވީ މި ލޭންޑިން ކްރާފްޓްތައް ބަނދެ ނިންމާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ތިން ލޭންޑިން ކްރާފްޓް ބަންނަން ވަނީ ހަމަޖެހިފަ އެވެ. އަދި މިހާރު ބޭނުންކުރާ އެއް ލޭންޑިން ކްރާފްޓް މަރާމާތު ކުރާނެ އެވެ.

މި ތިން ލޭންޑިން ކްރާފްޓް ބަންނަން 35 މިލިއަން ރުފިޔާ ހަރަދު ކުރަން ހަމަޖެހިފައިވާއިރު އެ ލޭންޑިން ކްރާފްޓް ތަކަކީ 400 ޓަނުގެ ލޭންޑިން ކްރާފްޓް ތަކެކެވެ.

"ކުރިން ކުނި އުކާލަން ބޭނުންކުރަމުން އައީ ލޭންޑިން ކްރާފްޓް ކުއްޔަށް ނަގައިގެން. އެކަމަކުގެ ސަބަބުން ބޮޑު ހަރަދެއް ދޭ. އަދި މިހާރު ބޭނުންކުރަމުންދާ އުޅަނދުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަން ޖެހިފައި،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑިން ކްރާފްޓް ބަނދެ ނިންމާ ހަވާލު ކުރަން ޖެހުނު ކަމުގައި ވިޔަސް އެ އުޅަނދުތައް ބަންނަން ފަށާނީ ޑިޒައިން، ވެމްކޯއިން އެޕްރޫވް ކުރުމަށް ފަހު ކަމަށެވެ.

ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުން ކުނި އުކާލަން ބޭނުންކުރާ އުޅަނދުތައް ވާން ޖެހޭނީ ކުނި ބޭރު ނުވާނެހެން ވަށައިގެން ބަންދު ކުރެވިފަ އެވެ.