ރާއްޖެ ކުޅިވަރު

ބެޑްމިންޓަންގެ އިންޓަނޭޝަނަލް މުބާރާތަކަށް ދާ ފުރަތަމަ ދިވެހި ރެފްރީ

ބެޑްމިންޓަންގެ ބައިނަލްއަގްވާމީ މުބާރާތެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ރެފްރީއަކީ ރައްޖޭގެ ހުރި އިންޓަނޭޝަނަލް ރެފްރީ އަލީ އަބްދުލް ކަރީމް (ޒޯލާ) އެވެ.

އޭނާ ފުރުސަތު ލިބިފައިވަނީ ބެޑްމިންޓަން އޭޝިއާ އާއި ދުނިޔޭގެ ބެޑްމިންޓަން ފެޑްރޭޝަން ގުޅިގެން ޕާކިސްތާނުގައި މިމަހު ބާއްވާ ޔޮނެކްސް ސަން ރައީސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގަ އެވެ.

މިމަހު 18 އިން 21 އަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ކުރިއަށް ގެންދާ މުބާރާތުން ފުރުސަތު ލިބުމާ ގުޅިގެން ޒޯލާ ބުނީ އޭނާ ދެކެނީ އޭނާއަށް ފުރުސަތު ލިބުނު ކަމުގައިވިޔަސް، މިއީ ދިވެހި ބެޑްމިންޓަނަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"މީގެ ސަބަބުން ރާއްޖޭގައި އިތުރު އިންޓަނޭޝަނަލް ރެފްރީން އުފެދުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ" ރާއްޖޭގައި ހުރި ހަމައެކަނި ބައިނަލްއަގްވާމީ ރެފްރީ ޒޯލާ ބުންޏެވެ.

ޒޯލާ ބުނީ ރާއްޖޭގައި އިންޓަނޭޝަަނަލް ރެފްރީއަށް ވުމުގެ މަރުހަލާގައި އުޅޭ ގައުމީ ފެންވަރުގެ ދެ ރެފްރީއެއް އެބަތިބި ކަމަށާއި އެ ދެ ރެފްރީންނަށް ވެސް އަންނަ އަހަރު އިންޓަނޭޝަނަލް ބެޖު ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިދިޔަ އަހަރު ވިއެޓްނާމްގައި ވޮލީ ރެފްރީސް ފުރިހަމަ ކުރި، ޒޯލާ ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތުގައި މެޗް އެމްޕަޔަރެއްގެ ގޮތުގަޔާއި ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އެގޮތުން މިދިޔަ އޯގަސްޓް މަހު ބްރެޒިލްގެ ރިއޯޑިޖެނީރިއޯގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް އޮލިމްޕިކް ގޭމްސް ގައިވެސް އޭނާ ވަނީ ޓެކްނިކަލް އޮފިޝަލްކަން ކޮށްފައެވެ.

ޒޯލާ ބުނީ ރިއޯ އޮލިމްޕިކްސްގައި ޓެކްނިކަލް އޮފިޝަލްކަން ކުރަން ފުރުސަތު ލިބުމުން ކުރިއަށް އޮތްތަނުގައި ބައިނަލްއަގްވާމީ މުބާރާތަކުން ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް އުންމީދު ކުރި ކަމަށެވެ.