ބޮލީވުޑް

"ދަބަންގް 3" ގެ ބަތަލާ އަކީ ސޮނާކްޝީ

Oct 6, 2016
1

ސުޕަސްޓާ ސަލްމާން ޚާން ބަތަލުގެ ރޯލުން ފެނިގެންދާ "ދަބަންގް" ސިލްސިލާ ތިންވަނަ ފިލްމު، "ދަބަންގް 3" އުފައްދަން ތައްޔާރުވަމުން އަންނަކަން އެފިލްމުގެ ޑައިރެކްޓަރު އަރްބާޒް ޚާން މިއަހަރުގެ މެދުތެރޭގައި ބުނެފައިވާއިރު އިއްޔެ މިވަނީ މިފިލްމު 2018 ވަނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރާނެކަން ހާމަކޮށްފަ އެވެ.

މިސިލްސިލާގެ ދެފިލްމުގައިވެސް ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވާ ސޮނާކްޝީ ސިންހާ ތިންވަނަ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނެކަން އަރްބާޒް ޔަގީންކޮށްދިން ނަމަވެސް ސަލްމާނާއެކު "ދަބަންގް 3" ގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ސޮނާކްޝީ ނޫންކަމުގެ އަޑުތަކެއްވެސް މިފަހުން ވަނީ އަރާފަ އެވެ.

މިދިޔަ މަހު ރިލީޒްކުރި "އަކީރާ" އިން ފެނިގެން ގޮސްފައިވާ ސޮނާކްޝީ މިވަނީ އެންމެފަހުން މިފިލްމުގެ ބަތަލާ އަކީ އޭނާ ކަން ޔަގީންކޮށްދީފަ އެވެ.

މިފިލްމުގެ ފެނިގެންދާނެކަން ޔަގީންކޮށްދެމުން ސޮނާކްޝީ ވަނީ "ދަބަންގް 3" ގައި އޭނާ ކިތަންމެ ބޮޑު އަދި ކިތަންމެ ކުޑަ ރޯލެއް ކުޅެން ޖެހުނަސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.

"އަހަރަން މިއަދު މިހުރި މަގާމަށް އާދެވުނީ "ދަބަންގް" ގައި އަހަރެން ކުޅުނު ރާޖޯގެ ރޯލުން. އެރޯލުން ބަތަލާއަކު ފެނިގެންދާނަމަ އެއީ އަހަރެން.. ކިތަންމެ ކުޑަ ރޯލެއް ނަމަވެސް މައްސަލައެއް ނެތް. މިސިލްސިލާގެ ކޮންމެ ފިލްމެއް އަހަރެން ކުޅޭނަން" ސޮނާކްޝީ ބުނެފައިވެ އެވެ.

ތިންވަނަ ފިލްމުގެ ބަތަލާގެ ރޯލުން އޭނާ ފެނިގެންދާނެކަން ސޮނާކްޝީ ވަރަށް ޔަގީންކަމާއެކު ބުނި ނަމަވެސް މިފިލްމުގައި އޭނާގެ ރޯލު ކުރީ ދެފިލްމަށްވުރެން ވަރަށް ކުޑަވާނެ ކަމަށް ބުނަމުން އަންނައިރު ސޮނާކްޝީ އާއެކު މިފިލްމުގައި އިތުރު ބަތަލާއެއް ވެސް ފެނިގެންދާނެ ކަމުގެ ވާހަތަކެއް އަންނަނީ ދެކެވެމުންނެވެ.

ދެހާސް އަށްވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު މިހާރު މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ސޮނާކްޝީ ވަނީ ބުނެފަ އެވެ.

ބުނެވޭ ގޮތުގައި މިފިލްމުގެ ޝޫޓިން ފެށޭނީ ސަލްމާން މިހާރު ކުޅެމުން އަންނަ ކަބީރް ޚާންގެ "ޓިއުބްލައިޓް" އާއި އަލީ އައްބާސް ޒަފަރްގެ 'ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިން އަށްފަހު އެވެ.

ސޮނާކްޝީ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2010 ވަނަ އަހަރު ނިކުތް "ދަބަންގް" އިންނެވެ. އަދި މިސިލްސިލާގެ ތިންވަނަ ފިލްމުގައި އޭނަ ފެނިގެންދާނަމަ މިއީ އޭނާ ސަލްމަނާއެކު ކުޅޭ ތިންވަނަ ފިލްމެވެ.