ބޭރު ކުޅިވަރު

ގާޑިއޯލާ ވައިފައި ވެސް ކަނޑާލައިފި

މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނަށް އެކުލަބުގެ ޓްރޭނިން ދަނޑުގައި ވައިފައި ބޭނުން ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

މިއީ ކޯޗު ޕެޕް ގާޑިއޯލާ ޓީމު އެކުވެރި ކުރުވައި، ފުޓްބޯޅަ އަށް ސަމާލުކަންދިނުން އިތުރު ކުރުމަށް ކުޅުންތެރިންނަށް ބާރުއެޅުމުގެ ގޮތުން ކުރި ކަމެކެވެ.

ސިޓީގެ ފަބްލޯ ޒަބަލެޓާ ބުނީ ގާޑިއޯލާ އަކީ މޮޅު ކޯޗެއް ކަމަށާއި ޓީމު ރޫހު ވަރުގަދަ ކުރުމަށް އޭނާ ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ.

"އަހަރުމެން އެންމެން އެކީގައި ހެނދުނާއި މެންދުރު ކައިބޮއި ހަދަން އޭނާ ދަނީ ބާރު އަޅަމުން. މިހާރު ޗޭންޖިން ރޫމުތަކުގައި ވައިފައި ވެސް ނުހުރޭ. ޓްރޭނިން ގަޑީގައި ފޯނު ބޭނުން ނުކުރެވޭނެ. ކުޅުންތެރިން މެދުގައި މިކަމާ އެއްވެސް މައްސަަލައެއްނެތް،" ޒަބަލެޓާ ބުންޏެވެ.

މެނުއަލް ޕެލެގްރީނީ އަށް ފަހު ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވި ފަހުން އެކުލަބު މިހާތަނަށް ބަލިވީ ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ޓޮޓެންހަމް އަތުން އެކަންޏެވެ. އޭގެ ކުރިން ކުޅުނު 11 މެޗުން ގާޑިއޯލާ ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ސިޓީގެ ކުޅުންތެރިންނަށް ވައިފައި ކަނޑާލިއިރު ގާޑިއޯލާ ވަނީ ކުޅުންތެރިން ކެއުން ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ބާރު އަޅައިފަ އެވެ.
އޭނާ މިހާރު ތައްޔާރުވަމުން ދަނީ އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ކުރީގެ ކުލަބު ބާސެލޯނާއާ ވާދަކުރަންޖެހޭ މެޗަށެވެ.