ހަބަރު

ލޯޔަރަށް ހަމަލާދިން މައްސަލައިގައި ހޯދާ ޝަފްރާޒްގެ ޕާސްޕޯޓް ކެންސަލްކޮށްފި

Oct 7, 2016

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުންގެ ޓީމްގައި ހިމެނޭ، މަހްފޫޒް ސައީދަށް ވަޅިން ހަމަލާދިން މައްސަލައިގައި އިންޓަޕޯލް އިން ހޯދަން ރެޑްނޯޓިސް ނެރެފައިވާ، ރ. އިނގުރައިދޫ ކަރަންކާގެ ހުސެއިން ޝަފްރާޒްގެ ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލްކޮށްފި އެވެ.

އެކަމާ ގުޅިގެން އެ ޑިޕާޓްމަންޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ޕާސްޕޯޓެއް ބޭނުންކޮށްގެން ދަތުރު ކުރުމާއި އެހެން ގައުމުތަކުގައި ދިރިއުޅެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ މީހުންގެ ތެރޭގައި ޖިނާއީ ކުށެއްގެ މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކުން ހޯދަމުން އަންނާތީ ނޫނީ ޝަރުއީ ހުކުމަކަށް ފިލައިގެން އުޅޭ މީހުން ނުހިމެނޭ ކަމަށެވެ.

"ޝަފްރާޒްގެ ޕާސްޕޯޓް ކެންސަލް ކުރިކަން ބޭރުގެ އެންމެހާ ކަމާ ގުޅޭ ފަރާތްތަކަށް މިހާރު ވަނީ އެންގިފަ އެވެ،" އިމިގްރޭޝަންގެ ބަޔާނުގައިވެ އެވެ.

ޝަފްރާޒް ވެސް ރާއްޖެ އަންނަން ބޭނުން ނަމަ، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަން އިމިގްރޭޝަނަށް އެންގުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިނގިރޭސިވިލާތުގައި ތިއްބެވި އެހެނިހެން ވެސް ރާއްޖޭގެ ސިޔާސީ ފަރާތްތައް އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓް ވަނީ ކެންސަލްކޮށްފަ އެވެ.

މަހުފޫޒް މާވެޔޮ މަގުން ހިގާފައި ދަނިކޮށް އޭނާގެ ގަޔަށް ވަޅިޖެހި މައްސަލައިގައި ދައުވާކޮށްފައި ވަނީ، ހުޅުމާލޭ ފްލެޓް 603 ފިރާޒް ޖައުފަރާއި ހުޅުމާލޭ ފްލެޓް ނަމްބަރު، 11270 އަހުމަދު ރާއިދު އަދި ހ. ސެނާ، ޚާލިދު ނަފީއުގެ މައްޗަށެވެ. ތިން މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.