ބޮލީވުޑް

ޝާހިދު "ޕަދްމާވަތީ" ދޫކޮށްލާނެބާ؟

Oct 8, 2016

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ދެން އުފައްދާ ފިލްމު، "ޕަދްމާވަތީ" ގައި ބަތަލާ ދިޕިކާ ޕަދުކޯންގެ ފިރިމީހާގެ ރޯލުން އެކްޓަރު ޝާހިދު ކަޕޫރު ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވެން ފެށުމާއެކު އެންމެ ގަދަޔަށް ދެކެވެމުން އައި ވާހަކައަކީ މިފިލްމުގައި ޝަހީދު ފެނިގެންދާތީ އެކަމާ ލީޑްރޯލުން ފެނިގެންދާ ރަންވީރު ސިންގް ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ ވާހަކަ އެވެ.

ޝާހިދު މިފިލްމު ކުޅެން އެއްބަސްވީ އަނެއް ދެތަރިންނެކޭ އެއްގޮތަށް އޭނާގެ ރޯލުވެސް ބޮޑުކުރަން ބަންސާލީ އެއްބަސްވުމުންނެވެ. އެކަމަކީ ރަންވީރު މާގަޔާވި ކަމަކަށް ނުވާއިރު، އޭނާ ވަނީ ޝާހިދުގެ ރޯލު ބޮޑުކުރުމަށް ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނައުމުން އެކަމާ ގުޅިގެން ބަންސާލީ ކުރެން ޝަކުވާކޮށްފަ އެވެ.

ކޮންމެއަކަސް ޝާހިދު މިފިލްމުގެ ސަޕޯޓިން ރޯލަކުން ފެނިގެންދިއުމަކީ ރަންވީރު މާގަޔާވާ ކަމަކަށްނުވާއިރު، މިދެތަރިން ކޯޅުންގަނޑު ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ.

ޝާހިދުގެ ރޯލު ކުޑަކުރުމަށް ތަކުރާރުކޮށް ބަންސާލީކުރެން ރަންވީރު އެދެމުން އަންނަ ކަމަށްވާއިރު އެންމެފަހުން ޝާހިދު މިވަނީ މިފިލްމު ދޫކޮށްލާނެ ކަމުގެ އިންޒާރު ބަންސާލީ އަށް ދީފަ އެވެ.

ބުނެވޭ ގޮތުގައި މިފިލްމު ދޫކޮށްލާނެ ކަމުގެ އިންޒާރު ޝާހިދު ދީފައިމިވަނީ ފިލްމުގެ ފަސްޓްލުކްގައި ރަންވީރާއި ދިޕިކާގެ ފޮޓޯ އެކަނި ހިމެނުމަށް ރަންވީރު ބަންސާލީކުރެން ޑިމާންޑްކުރި ކަމުގެ އަޑުތަކެއް އެރުމުންނެވެ. އަދި ރަންވީރު ވަނީ މިފިލްމުގެ ޝާހިދަށް ހަމައެކަނި ގެސްޓްއެޕިއަރެންސްގެ ކްރެޑިޓް ދިނުމަށް ވެސް ބަންސާލީކުރެން އެދިފަ އެވެ.

މިކަމާ ގުޅިގެން އިންތިހާއަށް ހިތްހަމަނުޖެހި ޝާހިދު ވަނީ ބަންސާލީ އަށް ގުޅައި އޭނާ މިފިލްމު ނުކުޅޭނެ ކަމަށް ބުނެފަ އެވެ. ބަންސާލީ ވަގުތުން ފިލްމުގެ ލީޑް ތިން ތަރިންނާއެކު ބައްދަލުވުމެއް ބާއްވައި އެމީހުން ސުލްހަކޮށްފަ އެވެ. ނަމަވެސް ރަންވީރާއި ޝާހިދާ ދެމެދު ޖެހިގެން އުޅޭ މައްސަލަ ހައްލުވެފައިވާ ކަމެއް ނުވަތަ ނޫންކަމެއް އަދި ޔަގީނެއްނުވެ އެވެ.

ރާޖަސްތާނަށް ނިސްބަތްވާ ޕަޓޭލް ނަވްނިރްމަ އާއި ފިލްމުގެ އެއް ޕްރޮޑިއުސަރުން ކަމަށްވާ އީރޯސް އެންމެ ފަހު ވަގުތުގައި މިފިލްމު ދޫކޮށްލުމާ ގުޅިގެން ފިލްމުގެ ޝޫޓިން ނުފެށި ލަސްވެފައިވާއިރު، އިތުރު އެއްވެސް ސަބަބަކާހުރެ ފިލްމުގެ ޝޫޓިން އެންމެ ދުވަހަކަށްވެސް ލަސްވާކަށް ބަންސާލީއެއް ނޭދެ އެވެ. ބޮޑު ބަޖެޓަކުން އުފައްދާ މިފިލްމުގެ ޝޫޓިން އަށް ހާއްސަ ސެޓެއްވެސް މެހެބޫބް ސްޓޫޑިއޯގައި ހަދާފައިވާއިރު، ފިލްމުގެ ޝޫޓިން ނުފެށި ލަސްވާ ކޮންމެ ދުވަހަކީ ފިލްމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

ދިޕިކާގެ ފިރިމީހާގެ ރޯލު ކަމަށްވާ ރަވަލް ރަތަން ސިންގްގެ ބައި ކުޅުމަށް ކުރިން އެކި އެކްޓަރުންނަށް ހުށަހެޅި ނަމަވެސް އެތަރިންނާމެދު ދިޕިކާ ގަޔާނުވުމުން ބަންސާލީ މިރޯލު ހުށަހެޅީ ޝާހިދަށެވެ. އަދި މިރޯލު ކުޅެން އޭނާ ނޫން އެހެން ތަރިއަކު ތައްޔާރަށް ނެތުމާއެކު ބަންސާލީ އަށް މަޖުބޫރުވީ ޝާހިދުގެ ހުރިހާ ޑިމާންޑަތަކަށް އެއްބަސްވުމަށެވެ.

ބަންސާލީގެ އެންމެ ފެވަރިޓް ދެތަރިންކަމަށްވާ ރަންވީރައި ދިޕިކާގެ އިތުރުން ޝާހިދަކީ ވެސް މިފިލްމަށް ވަރަށް މުހިންމު ތަރިއެކެވެ. ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ ރާނީ ޕަދްމިނީ (ޗިތޯރްގެ ކިންގް ރަތަންސޭން ގެ އަނބިކަނބަލުން) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.