ރާއްޖެ ކުޅިވަރު

ވޮލީ އެސޯސިއޭޝަނަށް ފުލުހުން ވަދެއްޖެ؟

ވޮލީބޯޅަ އެސޯސިއޭޝަނަށް ފުލުހުން ވަދެއްޖެ އެވެ.

މަންޒަރު ދުށް މީހުން މިކަން ޔަގީންކޮށްދީފައިވާއިރު އެސޯސިއޭޝަނުގެ ވެސް މިހާރުވަނީ މިކަން ޔަގީންކޮށްދީފަ އެވެ.

އާ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ ފުލުހުން އެސޯސިއޭޝަނަށް ވަނީ އާހިންގާކޮމިޓީން އެދިގެން ކަމަށާއި ބޭނުމަކީ އެސޯސިއޭޝަނަށް އަލަށް ހަވާލުވާއިރު ތަނުގެ ޓެކްނިކަލް އެކްސްޕާޓް އޮޑިޓެއް ކުރުން ކަމަށެވެ.

"އެންމެ ކޮމްޕިއުޓަރެއް މަސައްކަތް ކުރަނީ. މިހެންވެ އަޅުގަނޑުމެން ބޮޑު އޮފީހަކާ ހަވާލުވާއިރު ބޭނުންވީ ތަނުގެ ޓެކްނިކަލް އެކްސްޕާޓް ރިޕޯޓެއް ތައްޔާރުކުރަން. ބަޔަކު ގޯސްކަމެއް ކޮށްފައި އޮވެގެނެއްނޫން މިކަން މިކުރަނީ. އަލަށް ހަވާލުވާއިރު މިކަން ކުރަންޖެހޭނެތީވެ،" ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ވިދާޅުވި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްކަމަށް ލަތީފް ހޮވިވަޑައިގަތީ މިދިޔަ ހަފުތާގަ އެވެ. އެއީ މި އަހަރު ކުރީކޮޅު ބޭއްވި އިންތިހާބު ގަވާއިދާ ހިލާފުކަމަށް ކަނޑައަޅައި ހޯމް މިނިސްޓްރީން އިންތިހާބު ބާތިލްކުރުމުންނެވެ. އެއިރު އިންތިހާބުގެ މައްސަލަ ވަނީ ސިވިލް ކޯޓަށް ވެސް ވައްދާފަ އެވެ. އަލަށް ބޭއްވި އިންތިހާބުގައި ކުރީގެ ދެ ދައުރުގެ ރައީސް އަދި ބާތިލްކުރި އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރެފްރީ މުހައްމަދު ރިޔާޒް ވާދަނުކުރައްވަ އެވެ. ވޮލީގެ އާހިންގާ ކޮމިޓީން އަށް އޮފީސް ހަވާލުކުރީ ވެސް އިއްޔެނޫން ކުރީ ދުވަހުއެވެ.