ރާއްޖެ ކުޅިވަރު

ގައުމީ ވޮލީބޯޅަ ޓީމަށް ތައިލޭންޑްގެ ކޯޗެއް

ގައުމީ ވޮލީބޯޅަ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ތައިލޭންޑްގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ސަންޓޯން ޕޮސީތާ ހަމަޖައްސައިފި އެވެ. ގައުމީ ޓީމާ ހަވާލުވުމަށް ޕޮސީތާ ވަނީ މިއަދު މާލެ އައިސްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު މިއަދު ވިދާޅުވީ ކުރިން މެލޭޝިއާގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ޕޮސީތާ މި އަަހަރުގެ އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ނިޔަލަށް ގައުމީ ޓީމުގެ ކޯޗަކަށް ހުންނާނެ ކަމަށެވެ.

"ޕޮސީތާ އަކީ މީގެ ކުރިން ވެސް ގައުމީ ޓީމުތަކުގައި ތަޖުރިބާ ހޯދައިފައިވާ، ފެންވަރު ރަނގަޅު ކޯޗެއް،" ހުސެއިން ވިދާޅުވި އެވެ.

މެލޭޝިއާގެ ގައުމީ ޓީމުގެ އިތުރުން، ޕޮސީތާ ވަނީ ތައިލޭންޑްގެ ޖޫނިއާ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ.

އޭވީސީ 23 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށައިފަ އެވެ.