ބޮލީވުޑް

ދިޕިކާ އަށް ވުރެން ރަންބީރަށް ކެޓްރީނާ މާ ހާއްސަ

Oct 9, 2016

ދެހާސް ހަތްވަނަ އަހަރު ނިކުތް ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އިން ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ބޮލީވުޑަށް ތައާރަފުވި ހިސާބުން ފެށިގެން އޭނާގެ ޒާތީ ހަޔާތުގެ ވާހަތައް އަންނަނީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަހޯދަމުންނެވެ.

އެއީ އޭނާ ބަތަލާ ދިޕިކާ ޕަދުކޯން އާއި ކެރިއަރުގެ ކުރީކޮޅު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެ، ބަތަލާ ކެޓްރީނާ ކައިފް އާއި ހައަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުން ކަމަށްވިޔަސް މިހުރިހާ ކަމަކީ އޭނާގެ ކެރިއަރަށްވުރެން މާބޮޑު ސަމާލުކަމެއް ލިބިފައިވާ ކަންތައްތަކެވެ.

ކެޓްރީނާއާ ހައަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވި ނަމަވެސް އަދިވެސް މިދެތަރިންގެ ލޯބީގެ ނިމުން އައި ވާހަކަތަކަށް ހުއްޓުމެއްނާދެ އެވެ.

އެދެތަރިން ރުޅިވި ސަބަބާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް މީގެ ދުވަސްކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި ރަންބީރު ވާހަކަދައްކާފައިވާއިރު އޭނާ ވަނީ ކެޓްރީނާ އަކީ އޭނާގެ ހަޔާތަށް އެންމެ ބާރުފޯރުވޭނެ އަދި އެންމެ ބޮޑު ހިތްވަރެއްވެސް ދިން އެކަކު ކަމަށް ބުނެފަ އެވެ.

އަނެއްކާވެސް ރަންބީރު މިވަނީ ކުރީގެ މަޝްހޫރު ބަތަލާ ނޭހާ ދޫޕިޔާ ހުށަހަޅައިދޭ ޝޯއެއްގައި އޭނާގެ ލޯބީގެ ހަޔާތާ ގުޅިގެން ވާހަކަދައްކާދަ އެވެ. މިޝޯގައި ކުރީގެ ދެލޯބިވެރިންގެ ތެރެއިން އެންމެ ހާއްސައީ ކާކުތޯ އެހުމުން ރަންބީރު ވަނީ ދިޕިކާ އަށް ވުރެން އޭނައަށް ހާއްސައީ ކެޓްރީނާ ކަމަށް ބުނެފަ އެވެ.

މިޝޯގައި ވެސް ކެޓްރީނާ އަކީ އޭނާގެ ހާޔާތުގައި ވަރަށް މުހިންމު މީހެއް ކަމަށް ރަންބީރު ބުނެފައިވާއިރު، މިދެތަރިން ރުޅިވުމަށް މެދުވެރިވި ސަބަބާ ގުޅޭގޮތުން މާގިނަ ވާހަކަތަކެއް ދައްކާފައިނުވާ ކަމަށްވެ އެވެ.

ރުޅިވިފަހުން މިދެތަރިން އެކުގައި ކުޅެފައިވާ ފިލްމު "ޖައްގާ ޖާސޫސް"، އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިލީޒްވާނެ އެވެ.