ވިޔަފާރި

މައިކްރޯސޮފްޓްގެ އެވޯޑު ފަސްވަނަ ފަހަރަށް މެކްސްކޮމްއަށް

Oct 10, 2016

މައިކްރޯސޮފްޓް ބެސްޓް މެނޭޖަރު ޕާޓްނަރުގެ އެވޯޑު ފަސްވަނަ ފަހަރަށް ރާއްޖޭގެ މެކްސްކޮމް އަށް ލިބިއްޖެ އެވެ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ރަސްމިއްޔާތެއްގައި "މައިކްރޯސޮފްޓް ބެސްޓް މެނޭޖަރު ޕާޓްނަރުގެ އެވޯޑާ" ހަވާލުވީ މެކްސްކޮމްގެ އިސްވެރިންނެވެ.

މެކްސްކޮމްއަށް މި އެވޯޑު ލިބިފައިވަނީ އަވަށްޓެރި ގައުމުތަކުގައި ހިދުމަތް ދެމުން ގެންދާ މައިކްރޯސޮފްޓްގެ ޕާޓްނަރުންނާ ވެސް ވާދަ ކޮށްގެންނެވެ.

މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް "އަވަސް" އަށް ވިދާޅުވީ އެވޯޑު މެކްސްކޮމްއަށް ލިބުމުން ދައްކުވައިދެނީ މައިކްރޯސޮފްޓުގެ އުފެއްދުންތައް ބޭނުންކުރާ ކަސްޓަމަރުންނަށް އެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށެވެ.

"މި އެވޯޑު ލިބުމުގައި މައިކްރޯސޮފްޓުގެ އުފެއްދުންތައް ވިއްކާފައިވާ އަދަދަށް ވެސް ބަލާ. މީގެ އިތުުރުން މި އުފެއްދުންތައް މެނޭޖުކުރުން ވެސް މުހިންމު ބައެއް އަދާކުރޭ،" ފަޒީލް ވިދާޅުވި އެވެ.

މެކްސްކޮމްއަކީ ރާއްޖޭގައި މައިކްރޯސޮފްޓުގެ އުފެއްދުންތައް އެންމެ ފުޅާކޮށް ވިއްކުމުން ގެންދާ ކުންފުންޏެވެ. މެކްސްކޮމްއަށް މައިކްރޯސޮފްޓުގެ އެވޯޑުގެ އިތުރުން ޑެލްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑުވެސް ލިބިފައިވެ އެވެ.