ބޮލީވުޑް

ކެޓްރީނާ އަމިއްލަ ބިއުޓީ ބްރޭންޑެއް ނެރެނީ

Oct 10, 2016
1

ޒުވާން ބަތަލާ ކެޓްރީނާ ކައިފކީ މަޝްހޫރު ބިއުޓީ ބްރޭންޑް ލޯރިއަލް ޕެރިސްއިން އިންޑިއާއަށް ކަނޑައަޅާފައި ތިބޭ ބްރޭންޑް އެމްބެސްޑަރުންގެ ތެރެއިން އެކަކެވެ.

ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކެޓްރީނާ ވަނީ މިއަހަރު ނިމުމުން އެ ބްރޭންޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދަން ނިންމާފަ އެވެ.

މިގޮތަށް ކެޓްރީނާ ނިންމީ އޭނާގެ އަމިއްލަ ބިއުޓީ ބްރޭންޑެއް ނެރުމަށް ތައްޔާރުވަމުން އަންނާތީ ކަމަށްވެ އެވެ. އަމިއްލަ ބްރޭންޑެއް އޮވެ، އެހެން ކޮސްމެޓިކްސް އާއި ބިއުޓީ އުފެއްދުންތަކުގެ އެމްބެސެޑަރެއްގެ ގޮތުގައި އޭނާ ހަރާކާތްތެރި ވުމަކީ މަސްލަހަތު ހިމެނޭ ކަމަކަށް ފެންނާތީ ކެޓްރީނާ އޭނާ ލޯރިއަލްއާ އެކު ހަދާފައިވާ އެގްރީމަންޓް މިސަބަބާ ހުރެ އާ ކުރަން ބޭނުންނުވާކަން ވަނީ އަންގާފަ އެވެ.

ކެޓްރިނާ ލޯރިއަލް އާއެކު ވެފައިވާ އެއްބަސްވުން އިތުރަށް އާ ނުކުރަން ނިންމުމާ ގުޅިގެން އޭނާ ނެރެފައިވާ ސްޓޭޓްމަންޓެއްގައި ވަނީ މިހާތަނަށް ވެސް އެ ބްރޭންޑާއެކު އޭނާގެ ވަރަށް ރަނގަޅު ގުޅުމެއް އޮތް ކަމަށާއި އެހެންކަމުން މިއަހަރުގެ ނިއަލަށް އެގޮތުގައި އެގުޅުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭނާ އެ ބްރޭންޑާއެކު ވެފައިވާ އެއްބަސް އާ ނުކުރަން ނިންމީ އެފަރާތާ ވާހަކަ ދައްކައި ދެފަރާތުން އެގޮތަށް އެއްބަސްވެގެން ކަމަށެވެ.

އަމިއްލަ ބިއުޓީ ބްރޭންޑެއް ނެރުމަށް ނިންމި ސަބަބެއް ކަމަށް ކެޓްރީނާ ބުނެފައިވަނީ އޭނާގެ ފޭނުން އަބަދުވެސް އެކި ގޮތްގޮތުން ބިއުޓީ ޓިޕްސް އާއި އެޑްވައިސްތަކަށް އޭނާ ކުރެން އެދެމުން ދާތީ ކަމަށެވެ.

މީގެ އިތުރުން ލޯރިއަލް އިންޑިއާގެ ޗީފް މާކެޓިން އޮފިސާ ޝާލިނީ ރާގަވަން، ކެޓްރީނާ އެބްރޭންޑްގެ އެމްބެސެޑަރުކަން ދޫކޮށްލުމާ ގުޅޭގޮތުން ބުނެފައިވަނީ ކެޓްރީނާ އަކީ ބިއުޓީ ޕްރޮޑަކްޓްސްތައް އިޝްތިހާރުކުރަން އެންމެ އެކަށީގެން އެކަކު ކަމަށެވެ.

ބޮލީވުޑްގެވެސް އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ވަނީ މިދިޔަ އަހަރު ކާން ފިލްމު ފެސްޓިވަލްގައި ލޯރިއަލް ޕެރިސްގެ އެމްބެސެޑަރެއްގެ ގޮތުގައި ހިނގާލާފަ އެވެ.

ކެޓްރިނާގެ އިތުރުން ލޯރިއަލްއިން އިންޑިއަށް ކަނޑައަޅާފައިވާ އަނެއް ތިން އެންބެސެޑަރުންނަކީ އައިޝްވާރިޔާ ރާއި ބައްޗަން އާއި ސޯނަމް ކަޕޫރާއި ފްރީޑާ ޕިންޓޯ އެވެ.