މިދިޔަ ޖޫން މަހު ބާސެލޯނާގެ ފޯވަޑް ނޭމާ ސަންޓޯސް ގަތުމަށް ވާދަވެރި ރެއާލް މެޑްރިޑުން މަސައްކަތްކޮށްފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފި އެވެ.
ސްޕޭނުގެ މަޝްހޫރު ނޫސް މުންޑޯ ޑިޕޯޓިވޯއިން ބުނެފައިވަނީ ރެއާލްގެ އިތުރުން މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓުގެ އިތުރުން ފްރާންސްގެ މުއްސަދި ޕީއެސްޖީން ވެސް ނޭމާ ގަތުމަށް މަސައްކަތްކުރި ކަމަށެވެ. އަދި އޭނާ ވިއްކާލަން ބާސެލޯނާ އިން ހަމަޖައްސާފައިވާ އަގު ކަމަށްވާ 170 މިލިއަން ޕައުންޑް ދޭން މިހަތަރު ކުލަބުންވެސް ތައްޔާރުވި ކަމަށެވެ.
ރެއާލްއިން ނޭމާ އަށް 72 މިލިއަން ޔޫރޯގެ ބޯނަސްއެއް ވެސް ހުށަހަޅާފައިވާ ކަމަށް އެނޫހުން ބުނެ އެވެ. އަދި ގަތަރުގެ މަހުޖަނުން ހިންގާ ސިޓީން ވެސް ނޭމާ ގަތުމަށް ބޭނުންވަ ފައިސާ ހޭދަކުރަން ތައްޔާރަށް ތިބިކަން ކުޅުންތެރިޔާ އަށް ވެސް އެންގިކަމަށްވެ އެވެ. ނަމަވެސް މިޑީލް ނުނިމުނީ ބާސެލޯނާ ދޫކޮށްލަން ނޭމާ ބޭނުން ނުވުމުންނެވެ.
ބްރެޒިލް އަށް އޮލިމްޕިކްސް މުބާރާތް މިދިޔަ ޖޫން މަހު ކާމިޔާބުކޮށްދިން ނޭމާ ވަނީ ކުލަބު ކެރިއަރުގައި މިހާތަނަށް 113 ގޯލު ޖަހާފަ އެވެ.
އުމުރުން 24 އަހަރުގެ ބްރެޒިލްގެ ކުރީގެ ކެޕްޓަންގެ އިތުރުން ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް ގަތުމަށް ވެސް ސިޓީން މަސައްކަތް ކުރަން އުޅުނެވެ. ނަމަވެސް ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވުމުގެ ކުރިން ބާސެލޯނާއިން ވަނި ބުސްކެޓްސްގެ ކޮންޓްރެންޓް އާކޮށްފަ އެވެ.