ހަބަރު

ތައިލެންޑްގެ ކޮމާސް މިނިސްޓަރާއެކު 30 ކުންފުންޏެއްގެ މަންދޫބުން ރާއްޖެއަށް

ތައިލެންޑްގެ މިނިސްޓަރު އޮފް ކޮމާސް އަފިރާދި ޓަންޓްރަޕޯން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. މިނިސްޓަރާއެކު ތައިލެންޑްގެ އެކްސްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރީތަކުގެ 30 ކުންފުންޏެއްގެ މަންދޫބުން ރާއްޖެއަށް އަންނާނެ އެވެ. އެ ބޭފުޅުން ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ތައިލެންޑްގެ މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ 2012 ވަނަ އަހަރު ރާއްޖެއާއި ތައިލެންޑުން ސޮއިކޮށްފައިވާ އެގްރިމެންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ ދަށުން އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމެޓީގެ ދެވަނަ ބައްދަލުވުމަށެވެ. މި ބައްދަލުވުން މި މަހުގެ 12، 13 ގައި ކުރިއަށްދާނެ އެވެ.

ތައިލެންޑްގެ ކުންފުނީތަކުގެ މަންދޫބުން އެ ފަރާތްތަކުން އެކްސްޕޯޓްކުރާ ތަކެތީގެ ޑިސްޕްލޭއާއެކު މި މަހުގެ 13 ވަނަ ދުވަހު ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައި ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. މި ވިޔަފާރިތަކުގެ ތެރޭގައި ފަރުނީޗަރު، ގަހަނާ، ފުޑް އެންޑް ބެވަރޭޖް، ސްޕާ ޕްރޮޑަކްޓްސް، ހޮޓެލް ސަޕްލައިޒް ހިމެނެ އެވެ. އެ ވިޔަފާރިތަކުގެ ތަފްސީލުތައް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.

"ތައިލެންޑްގެ ވިޔަފާރީގެ ޑެލިގޭޝަނާއި ބައްދަލުކުރުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވިފައި، ދިވެހި ވިޔަފާރިތަކުން އަދި އާންމުންގެ ފަރާތްތަކުން ވެސް މި ވިޔަފާރިތަކާއި ބައްދަލުކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.

މި މަހުގެ މާޗް މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތައިލެންޑަށް ވަޑައިގެން އެ ގައުމުގެ ކޮމާސް މިނިސްޓަރާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައިވެ އެވެ.