ހަބަރު

ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި

Oct 10, 2016
1

ބަންގްލަދޭޝް އިން ރާއްޖެއައި ފިރިހެނެއްގެ ފޮށިތަންމަތީގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ، މިމަހުގެ ހަތަރުވަނަ ދުވަހު މިހިން ލަންކާ ފްލައިޓުން ރާއްޖެއައި އެމީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިން 1.54 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

އޭނާއާ ސުވާލުކޮށް އެ ކޭސްގައި ޝާމިލްވާ އިތުރު ފަރާތްތަކެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގުނު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ވަނީ ބަންގްލަދޭޝްގެ އިތުރު ދެ މީހަކު އަތުލައިގަނެފައި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާއިރު ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގްކުރަމުންނެވެ.

މަސްތުވާތަކެތި އަތުލައިގަތުމާބެހޭ ތަފާތު ތިން އޮޕަރޭޝަންގެ ތެރެއިން 25 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިދިޔަ ހަފްތާގެ ތެރޭގައި އަތުލައިގަނެވިފައިވެއެވެ.