ހަބަރު

ކޯޑިނޭޓަރެއްގެ މަގާމަށް މުއާޒް އަލުން ހަމަޖައްސައިފި

Oct 10, 2016

ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގެ ކޯޑިނޭޓަރެއްގެ މަގާމަށް މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އަލުން ހަމަޖައްސައި، މިއަދުން ފެށިގެން ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި އެވެ.

މިއީ މުއާ ކުރިން ވެސް އަދާކުރި މަގާމެވެ. ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭގެ ކޯޑިނޭޓަރެއްގެ މަގާމުން މުއާ ވަކިކޮށްފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ކުއްލި ގޮތަކަށް އޭނާ މަގާމުން އެފަހަރު ވަކިކުރި ސަބަބެއް އާންމުކޮށްފައެއް ނުވެ އެވެ.

އެ ދުވަސްކޮޅު މަގާމު ގެއްލިވަޑައިގެން އުޅުއްވަނިކޮށް މުއާ ފުލުހަށް ހާޒިރުކޮށް ބަޔާން ވެސް ނަގާފައިވެ އެވެ. ނަމަވެސް އެއީ މަގާމުން ވަކި ކުރި މައްސަލައާ ގުޅޭ ކަމެއްގައިކަން ފުލުހުން ނުވަތަ މުއާ ވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މުއާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އައިމިނަތު ޝާޔަންގެ ފިރިމީހާ އެވެ.

އެންސީއޭގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި ދުވަސްތަކުގައި މުއާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފިލްމީ ދާއިރާގެ ތަރައްގީއަށް އަމާޒުކޮށް ކުރެއްވި މަސައްކަތްތަކަށެވެ. އެގޮތުން ވަޅުޖެހިފައި އޮތް އޮފީސް ތަކުގެ ޓެލެ ޑްރާމާ މުބާރާތް އަލުން ގެނެސްދިނުމުގަ އާއި ގައުމީ ފިލްމު އެވޯޑްސް އަލުން ތައާރަފްކުރުގައި އަމަލީ ގޮތުން ނިކަން ބުރަކޮށް މަސައްކަތްކުރެއްވި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.