ހަބަރު

ކާނިވާ ސަރަހައްދުގެ ކެފޭތައް ނުނަގާ ގޮތަށް ނިންމައިފި

ކާނިވާ ސަރަހައްދުގައި ހުރި ކެފޭތައް މިވަގުތަށް ނުނަގުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު ހައުސިން މިނިސްޓްރީއިން ކުރިން ނިންމާފައި ވަނީ "ކިންގް ސަލްމާން" މިސްކިތް އެޅުމަށް ކާނިވާ ސަރަހައްދުގައި ހިންގަމުންދާ ކެފޭތައް އެ ސަރަހައްދުން ނެގުމަށެވެ. އަދި އެ ކެފޭތައް ބަންދު ކުރުމަށް ހަތަރު މަހުގެ މުއްދަތެއްވެސް އެ މިނިސްޓްރީއިން ވަނީ ދީފަ އެވެ.

"އަވަސް"އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކިން ސަލްމާން މިސްކިތް އަޅާ ސަރަހައްދު އަލުން ސާވޭތައް ހަދާ ބެލި އިރު އެ ކެފޭތައް ނާރާ ގޮތަށް އެޅޭ ގޮތަށް ހަދާފައިވާ ކަމަށެވެ. އެގޮތުން މި ވަގުތައް އެއްވެސް ކެފޭއެއް ނުނެގުމަށް ނިންމާފައިވާ ކަމަށެވެ.

"މިސަކިތް އަޅާ ސަރަހައްދު ރީ އޮރިއަންޓް ކޮށްލާ އެޖެސްމަންޓުތައް ހެދި އިރު ކެފޭތައް ނާރާ ގޮތަށް މިހާރު މިސްކިތުގެ ބައުންޑްރީ ނެގޭ. އެހެންވީމައި އަޅުގަނޑުމެން އެގޮތަށް ސާވޭކޮށްފައި މި ވަގުތަށް ކެފޭތައް ނުނަގާގޮތަށް މިހާރު ވަނީ ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއިން ވަނީ މާލޭ ހުޅަނގު ދެކުނު ފަރާތުގައި ވެސް ގާއިމްކޮށްފައި ހުރި ކަޑަތައް ނަގާ ފުޑް ކޯޓު އެޅުމުގެ މަސައްކަތް ފަށައިފައެވެ. އަދި މިނިސްޓަރު ވިދާޅުވީ ހުރިހާ ކަޑައެއް އެއްފަހަރާ ނެގުމުން ރައްޔިތުންނަށް ދަތިވާނެ ކަމަށެވެ.