ރައީސް އޮފީސް

ފޮރިން އެފެއާޒްގެ ބައިލެޓަރަލް ސެކްރެޓަރީގެ މަގާމަށް ހަލީލު

Oct 10, 2016

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލްގެ މަގާމަށް ގ. އުތުރުގޭ އަހުމަދު ޚަލީލު އައްޔަން ކުރައްވައިފި އެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ.

ހަލީލަކީ 1982 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޚަލީލު އެންމެފަހުން ފުރުއްވީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ. އެ މަޤާމަށް އޭނާ ޢައްޔަނު ކުރައްވާފައިވަނީ އޮކްޓޫބަރު 28، 2009 ގައެވެ.

އޭގެ ކުރިން އދ. ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގައި ވެސް ޚިދުމަތް ކުރެއްވިއެވެ.

ޚާރިޖީ ދާއިރާގައި އޭނާ ފުރުއްވާފައިވާ ބައެއް އެހެން މަޤާމުތަކުގެ ތެރޭގައި، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، 2 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، 1 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަ، އިންޓަނޭޝަނަލް އެފެއާޒް ކަމުގެ މަޤާމާއި، ޑިރެކްޓަ ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.