ހަބަރު

ދަރުމަވަންތައިގެ ބާ އިމާރަތް ތަޅަން 1.5 މިލިއަނަށް ރުފިޔާއަށް އައިއެސްއެޗަށް

ދަރުމަވަންތަ ސްކޫލުގެ ބާ އިމާރަތް ތަޅާލުމަށް 1.5 މިލިއަން ރުފިޔާއަށް އައިއެސްއެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް ވިދާޅުވީ ބާ ދަރުމަވަންތައިގައި ދަރިވަރުންނަށް ކިޔަވައި ދިނުން މިހާރު އެހާ ރައްކާތެރި ނޫން ކަމަށްލަފާ ލިބުމާ ގުޅިގެން އެ ސްކޫލްގެ ވަގުތީ އިމާރާތެއް ވެލާނާ ގޭ ކައިރީގައި މިހާރު ގާއިމްކޮށްފައިވާނެ ކަމަށާއި ބާ ސްކޫލުގައި ހުރި ތިން އިމާރަތް ތަޅާލުމަށް ދެ ފަހަރެއްގެ މަތިން އިއުލާންކުރުމުން ވެސް ޕްރޮޕޯސަލް ހުށަހެޅީ ހަމައެކަނި އައިއެސްއެޗް ކަމަށެވެ. އެގޮތުން އެ މަސައްކަތް 1.5 މިލިއަން ރުފިޔާއަށް އެކުންފުންޏާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

"މި މަސައްކަތަކީ ފޭސް އައުޓްކޮށްގެން ހިންގާ މަސައްކަތެއް. މި އަހަރު އޮތީ ދަރުމަވަންތަ ސްކޫލު ތަޅާލުން. އެއަށް ފަހު އަލަށް ސްކޫލް އެޅުމަށްޓަކާ ވާންޖެހޭ ތައްޔާރީކުގެ ތެރެއިން އެތަން ކުރަހާ ބީއޯކިއު ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ބާ ދަރުމަވަންތަ ތަޅާލުމުގެ މަސައްކަތް މިމަސް ތެރޭގައި ފަށާނެ އެވެ. އަދި 60 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.