ބޮލީވުޑް

"ގޯލްމާލް 4" ގައި ޝްރަދާގެ ބަދަލުގައި ޕަރިނީތީ

Oct 11, 2016
2

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް" ސީރީޒްގެ ހަތަރުވަނަ ފިލްމު "ގޯލްމާލް 4" އުފައްދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެކަން އިއުލާން ކޮށްފައިވަނީ މި ސިލްސިލާގެ ފިލްމުތައް އުފައްދަން ފެށިތާ 10 އަހަރުވީ ދުވަހު އެވެ.

މި ސިލްސިލާގެ އެންމެ ފަހުގެ ދެ ފިލްމުގައި ބަތަލާގެ ރޯލުން ކަރީނާ ކަޕޫރު ފެނިގެން ގޮސްފައިވާއިރު، އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުން މިފިލްމުން ނުކުޅޭން މާކުރިންވެސް ނިންމާފައިވާ ކަމަށްވެ އެވެ.

އެހެންކަމުން ކަރީނާގެ ބަދަލުގައި މިފިިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް ހޯދުމުގެ މަސައްކަތް ރޯހިތު ކުރަމުން އަންނައިރު ޒުވާން ބަތަލާއިންގެ ތެރެއިން އާލިއާ ބަޓް އާއި ދިޕިކާ ޕަދުކޯންގެ އިތުރުން ޝްރަދާ ކަޕޫރަށް މިރޯލު ވަނީ ހުށަހަޅާފަ އެވެ.

އާލިއާ އާއި ދިޕިކާ އެހެން ފިލްމުތައް ކުޅެން ސޮއިކޮށްފައިވާތީ މި ފިލްމަށް ވަގުތު ދެވެން ނެތް ކަމަށް ބުނުމުން އެ ރޯލު އެންމެ ފަހުން ހުށަހަޅާފައިވަނީ ޝްރަދާ އަށެވެ. އެގޮތުން ޝްރަދާ އާއެކު މި ފިލްމުގެ ވާހަތައް ކުރިއަށް ގެންދަނިކޮށް އޭނާގެ ކޫސަނި ޝަކުވާތަކާ ހެދި ހިތްހަމަނުޖެހިގެން ރޯހިތު އަލުން މިފިލްމަށް ބަތަލާއެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން "ގޯލްމާލް 4" ބަތަލާގެ ރޯލަށް ހަމަޖައްސަން ނިންމާފައިވާ ތަރިއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.

މިރޯލާ ގުޅިގެން ޕަރިނީތީ އާއެކު މިހާރު ވާހަތައް ދައްކަމުން އަންނަ ކަމަށްވާއިރު، މިކަން އަދި މިފިލްމު އުފައްދާ ފަރާތުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ޕަރިނީތ މިފިލްމުން ފެނިގެންދާނަމަ މިއީ އޭނާ ކުޅޭ ފުރަތަމަ ކޮމެޑީ ފިލްމެވެ. އޭނާގެ ފިލްމެއް ރިލީޒްނުވާތާ އަހަރަކަށް ވުރެން ގިނަދުވަސްވެފައިވާއިރު، މިހާރު އަންނަނީ އާޔުޝްމާން ކުރާނާ އެކު "މެރީ ޕިޔާރީ ބިންދޫ" ގެ މަންޒަރުތައް ނަގަމުންނެވެ. މިފިލްމު އޭނާ އަށް ލިބިއްޖެނަމަ ޕަރިނީތީގެ ވަޅުޖެހިފައިވާ ފިލްމީ ކެރިއަރު އަލުން ކޮޅަށް ޖެހުމަށް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެކްޓަރު އަޖޭ ދޭވްގަންވެސް މުހިންމު ރޯލަކުން ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.