ރައީސް އަބްދުﷲ ޔާމީން

"އެހެން ލީޑަރުންނަށް ފުރުސަތު ލިބުނު، އަޅުގަނޑުގެ ފުރުސަތަށް ޖާގަދީ"

  • ލީޑަރުންގެ އަމިއްލަ ވިސްނުން ދޫކޮށްލަންޖެހޭ
  • ގައުމުގެ މައްސަލަތައް ހައްލުކޮށްދޭނެ
  • ރައްޔިތުންނަށް ގެއްލުން ދިނުމުގެ ފުރުސަތެއް ނެތް

ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށާއި ތަރައްގީ ގެނެސް ދިނުމަށް ވެރިކަމަށް ވަޑައިގެންނެވި އެހެން ހުރިހާ ބޭފުޅުންނަށް ވެސް ފުރުސަތު ލިބި ވަޑައިގެންނެވި ކަމަށާއި އެމަނިކުފާނަށް ލިބި ވަޑައިގެންނެވި ފުރުސަތު އެ ޖާގަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ އެދިވަޑައިގެންފި އެވެ. ރައީސް ވިދާޅުވީ، ސިޔާސީ ލީޑަރުން އަމިއްލަ ޒާތީ ކަންކަން އެއްކަރިކޮށް، ހުރިހާ ފުރުސަތެއްގައި ގައުމު އިސްކުރަން ޖެހިފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް ރައްޔިތުންނަށް ހިދުމަތްކުރުމަށް ފުރުސަތު ލިބި ވަޑައިގެންނެވި ކަމަށާއި ރައްޔިތުންގެ އުނދަގޫތަކުން ގައުމު ދުރުކޮށް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ލިބި ވަޑައިގެންނެވި ކަމަށެވެ. އެކި ބޭފުޅުންނަށް އެކަންކަން ކުރައްވަން އެކި ވަރަށް ފުރުސަތު ލިބި ވަޑައިގެންނެވި ކަމަށެވެ. އަދި މިއީ އެމަނިކުފާނަށް ލިބި ވަޑައިގެންފައިވާ ފުރުސަތު ކަމަށާއި އެކަމަށް ހުރަސް ނޭޅުމަށް އެހެން ސިޔާސީ ލީޑަރުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"އިސްވެ ދިޔަ ސިޔާސީ ލީޑަރުންނަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ފުރުސަތު ލިބުނު، އެކަންކަން އެ ލީޑަރުންނަށް ނޭނގޭ ކަމަށްވަންޏާ އެކަމަށް ވިސްނާލަން ޖެހޭ، މިއަދަކު ނޫން މި މައްސަލަތައް ޖެހިގެން މިއުޅެނީ، މިއަދަކު ނޫން ބަނދަރުތައް ކުޑަވެގެން މި އުޅެނީ، މިއަދަކު ނޫން މަގު ހަދަން ބޭނުންވީ، މިއަދަކު ނޫން ފެނާއި ނަރުދަމާ ބޭނުންވެގެން މި އުޅެނީ، މިއަދު ނޫން ބްރިޖުގެ ހުވަފެން އޮތީއަކީ، މިއަދު ނޫން އެއާޕޯޓް ތަރައްގީ ކުރަން އޮތީއަކީ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ހުރިހާ ސިޔާސީ ލީޑަރަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިޔާސީ ކުރި ބޯއްޓާ ހަމައަށް ރައްޔިތުންގެ ތާއީދާއެކު ވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް މި ދެންނެވި މައްސަލަތައް ހައްލުކުރުމަށް ފުރުސަތު އަރުވައިފިއޭ، އެކި ބޭފުޅުންނަށް އެކި ވަރަށް މިކަން ކުރެވިފައިހުރީ، ކޮންމެ ބޭފުޅަކު ވެސް ރައްޔިތުންގެ އިހުސާސްތައް ފުއްދައިދިނުމަށްޓަކައި މަސައްކަތްކުރައްވާފައި ހުރީ، އެހެންވީމަ މިއަދު މި ފުރުސަތު ﷲގެ ރަހުމަތާއެކު ރައްޔިތުން ތަނަސްވަން ކޮށްދެއްވާފައި މިވަނީ އަޅުގަނޑަށް، އަޅުގަނޑަށް މި ފުރުސަތު ލިބެންޖެހޭ،"

ރައީސް ވިދާޅުވީ، ސިޔާސީ ބޭފުޅުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމަށްޓަކައި އެ ބޭފުޅުންގެ އަމިއްލަ ވިސްނުން ދޫކޮށްލަން ޖެހިފައިވާކަން ކަމަށެވެ. ގައުމު ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާ ގައުމަށް ކޮށްދޭވެނީ ކޮން ކަމެއްތޯ ބެލުމަށް ސިޔާސީ ލީޑަރުންނަށް ރައީސް ގޮވާލެއްވި އެވެ. އަދި، ވިދާޅުވީ، ސިޔާސީ އިސް ލީޑަރުން ގައުމަށް ހެޔޮ އެދިގެން މަސައްކަތްކުރައްވާނަމަ ގައުމުގައި އޮންނާނީ ހަމަޖެހުން ކަމަށާއި އަދި ގައުމު ދާނީ ކުރިއަށް ކަމަށެވެ. ގައުމަށް ދުއްޕާންކުރާނެ މީހަކު އޭރަށް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ބިރުވެރި ތަނެއްގެ ގޮތުގައި ވަރަށް ޒިންމާދާރު ސިޔާސީ ފަރާތްތަކުން ސިފަކުރައްވަމުން ގެންދަވާއިރު އެކަމުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ މެދު ވިސްނާލަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމުގައި ނެތް މައްސަލައެއް އަމިއްލައަށް އުފައްދައިގެން އެކަމުގެ ސަބަބުން ގައުމަށް ގެއްލުން ލިބުމަކީ "އަމިއްލަ ފަޔަށް ހަންޖަރު ހެރުން" ފަދަ ކަމެއް ކަމުގައި ރައީސް ސިފަކުރެއްވި އެވެ. އެގޮތުން ރާއްޖެ ސީމެގްގެ ރަސްމީ އެޖެންޑާގައި ހިމަނާފައިވަނީ ވެސް ރާއްޖެއިން ބަޔަކު އެކަމަށް މަސައްކަތްކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ހިތްދަތިވޭ ރާއްޖޭގައި މަސްއޫލިއްޔަތާއި ޒިންމާ އަދާކުރައްވާ ކަމަށް ވިދާޅުވާ ސިޔާސީ ލީޑަރުން ކަންކަމަށް ދެކޮޅު ހަދާތީ، ހަމައެކަނި ދައުލަތުގެ ބަޖެޓަކަށް އެ ބޭފުޅުން ދެކޮޅު ހަދަނީ، އިސްލާމީ ރިވެތި އުސޫލުތަކާއި ރިވެތި އާދަތައް އަށަގަންނުވަން ކުރާ ކޮންމެ ކަމަކަށް މި ބޭފުޅުން ވިދާޅުވަނީ ނޫނެކޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މީހަކީ މުޖުރިމެއް ކަމަށް ސިފަވާ މިންވަރަށް އެމީހެއްގެ އަބުރަށް އަރައިގަތުމަށް ފުރުސަތު ދެވިގެންނުވާނެ ކަމަށެވެ. އަބުރާ ބެހުމަކީ ބޮޑު ކުށެއް ކަމަށާއި އެކަން ކުރާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ. އަދި އެއީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ނޫން ކަމަށެވެ.