މެންޗެސްޓާ ސިޓީގެ އެކަޑަމީ ކުދިން ކުލަކުލައިގެ ބޫޓަށް އެރުން މަނާކޮށްފި އެވެ.
އަށާރަ އަހަރުންގެ ދަށުގެ ކުޅުންތެރިންގެ ތެރެއިން އެކަޑަމީއާ އަލަށް ގުޅުނު ކުޅުންތެރިންނަށް ކުލަބު ތައާރަފްކޮށްދިން އިރު ވަނީ ހެދުން އެޅުމާއި އަމަލުކުރަންޖެހޭ ގަވާއިދުތައް ވެސް ވަނީ ކިޔާދީފަ އެވެ. މި ގޮތުން އެންމެ ބޮޑަށް ބާރުއަޅާފައިވާ އެއްކަމަކީ ކަޅު ކުލައިގެ ބޫޓު ނޫން އެއްޗަކަށް ނޭރުމަށެވެ.
ސިޓީން ބުނީ މިއީ އެކުލަބުގެ ކުރިއަށް އޮތް ޖީލުގެ ކުޅުންތެރިން އަހުލާގީ ގޮތުން ނަމޫނާ ބަޔަކަށް ހަދައި ކުޅުންތެރިންގެ ހަމަބިމުގައި ބޭތިއްބުމަށް ހަމަޖެއްސި އުސޫލެއް ކަމަށެވެ.
ސީނިއާ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވެސް މިހާތަނަށް ގިނަ ގަވައިދުތަކެއް ތައާރަފްކޮށްފަ އެވެ. މިގޮތުން ޕިއްޒާ އާއި ފަލަވާ ޒާތުގެ ޖޫސް މަނާކުރިއިރު ކުޅުންތެރިން ޕްރެކްޓިސް އޮންނަ ދުވަހުގެ މެންދުރު ކެއުމާއި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގެ މެންދުރު ކެއުން އަދި ރޭގަނޑު އެކުގައި ކައިބޮއިހަދަންޖެހެ އެވެ. އަދި ބައެއް ޗޭންޖިން ރޫމުތަކުން ވަނީ ވައިފައި ކަނޑާލައި، ތްރީޖީ ބޭނުންކުރުން ވެސް މަނާކޮށްފަ އެވެ.
ސިޓީން ބުނީ މިއީ ވެސް ޓީމު ރޫހު ވަރުގަދަކޮށް، ކުޅުންތެރިްނ ޑިސިޕްލިން ކުރުވުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.