ރާއްޖެ ކުޅިވަރު

އެމްބީއޭގެ އިންތިހާބުގައި ކުލަބުތަގެ މަންދޫބުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި

Oct 11, 2016
1

މިމަހު 20 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބުގައި ފުރިހަމަ މެންބަރު ކުލަބުތަކުން މަންދޫބުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަންދޫބުން ނަކީ އިންތިހާބުގައި ކުލަބުތަކުން ވޯޓް ލާނެ ފަރާތްތަކެވެ. މަންދޫބުން ރަޖީސްްޓްރީ ކުރުމުގެ އެންމެ ފަހު މުއްދަތަކީ މި އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހޯމް މިނިސްޓްރީންނެވެ.

މިއަހަރު ޖުލައި މަހު 15 ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ އިންތިހާބަކީ ދެވަނަ ފަހަރަށް އިއުލާންކޮށްގެން ބާއްވާ އިންތިހާބެވެ. އެމްބީއޭގެ ބާއްވަން ދެ ވަނަ ފަހަރަށް އިއުލާންކޮށްފައި މިވަނީ، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އެމްބިއޭގެ އިންތިހާބު ބާއްވަން ތައްޔާރުވެފައި ވަނިކޮށް، އިންތިހާބުގެ މައްސލައެއް ބަލަން ކަމަށް ބުނެ ހޯމް މިނިސްޓްރީން އިންތިހާބު މަޑުޖައްސާލަން އެންގުމަށްފަހު އެވެ.

އޭރު ބާއްވަން އުޅުނު އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އެމްއާރްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އެވެ.

ނަމަވެސް ހޯމް މިނިސްޓރީގެ ކޮމިޓީން ވަނީ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ. ކުރިމަތިލުމުގެ މުހުލަތު މިއަދަށް ވަނީ ހަމަވެފަ އެވެ.