ހަބަރު

އިންތިހާބަށް ލަފާދޭ ކޮމިޓީއަށް ނަން ނުދެނީ ޕީޕީއެމް: އީސީ

އިންތިހާބަށް ލަފާދޭ ގައުމީ ކޮމިޓީއަށް ޕީޕީއެމް ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ނަން ފޮނުވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ބުނެފި އެވެ. އިންތިހާބަށް ލަފާދޭ އެ ކޮމިޓީ އަކީ ކޮންމެ އިންތިހާބަކާ ދިމާކޮށް އިންތިހާބުތަކުގެ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާ ބެހޭގޮތުން ލަފާ ހޯދުމަށް އީސީން އެކުލަވާލާ ކޮމިޓީއެކެވެ.

އެ ކޮމިޓީގައި ހިމެނޭނީ ކޮންމެ ސިޔާސީ ޕާޓީއަކުން އިސް މެންބަރަކާއި، އިންތިހާބާބެހޭ އެކި މުއައްސަސާތަކުގެ ބޭފުޅުންނެވެ. އެ ކޮމިޓީއަށް ނަން ފޮނުވަން ސިޔާސީ ޕާޓީތަކަށް އީސީން އެންގީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވެފައިވަނީ އެމަހުގެ 27 އަށެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު "އަވަސް" އަށް ވިދާޅުވީ، އިންތިހާބަށް ލަފާދޭ ކޮމިޓީއަށް ނަން ފޮނުވަން ޕާޓީތަކަށް އަންގާފައިވާ މުއްދަތު ފަހަނައަޅާފައިވާއިރު އަދިވެސް ޕީޕީއެމުން އެ ކޮމިޓީގައި ބައިވެރިވާނެ ބޭފުޅެއް ކަނޑަނާޅާ ކަމަށެވެ. އެހެން ހުރިހާ ޕާޓީއަކުން ނަން ފޮނުވާފައިވާ ކަމަށެވެ. ޕީޕީއެމުން މިހާތަނަށް ނަން ފޮނުވާފައި ނުވި ނަމަވެސް އަދިވެސް އެ ޕާޓީއަށް ނަން ފޮނުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ލަފާދޭ ކޮމިޓީ އެކުލަވާލައި މަސައްކަތް ފެށުމަށް. އެހެންކަމުން އަޅުގަނޑުމެން ވަރަށް އެދެން ޕީޕީއެމުން މިކަމަށް އެއްބާރުލުން ދިނުމަށް. ނަން ފޮނުވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލާފަ. މިފަދަ މުހިއްމު ކަމެއްގައި އެއްވެސް ޕާޓީއެއް ބާކީ ކޮށްލާކަށް ބޭނުމެއް ނޫން،" އަކްރަމް ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަށް ގުޅި ނަމަވެސް އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އިންތިހާބަށް ލަފާދޭ ކޮމިޓީއަށް ޕީޕީއެމުން ނަން ފޮނުވާފައި ނުވާއިރު، އެ ޕާޓީގެ އެތެރޭގެ ވަނީ މައްސަލަތައް އުފެދިފަ އެވެ.