ސިވިލް ކޯޓް

އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން ދޭން ޖެހޭނީ މެރީޑިއަމަށް: އަމުރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުމަށް މެރީޑިއަމް ސާވިސަސް ނޫން އެހެން ކުންފުންޏަކަށް ހަވާލު ނުކުރުމަށް އަންގާ ސިވިލް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެފި އެވެ. -- މެރީޑިއަމަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ކުންފުންޏެކެވެ.

ސިވިލް ކޯޓުން މިގޮތަށް އެމްޕީއެލްގެ މައްޗަށް އަމުރުކޮށްފައިވަނީ އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުމަށް މެރީޑިމަށް ހަވާލުކޮށްފައިވަނިކޮށް އެމްޕީއެލްއިން އެ މަސައްކަތް އެހެން ބަޔަކަށް ބަޔަކަށް ހަވާލުކޮށްފައިވާތީ މެރީޑިއަމުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގަ އެވެ. މި ވަގުތީ އަމުރު ނެރެދިނީ މެރީޑިއަމުން އެގޮތަށް އެދުމުންނެވެ.

މެރީޑިއަމުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ ކުންފުންޏަށް އެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައިވަނިކޮށް އެކަން އެހެން ފަރާތަކަށް ހަވާލުކުރުމަކީ އެއްބަސްވުމުގެ މަގުސަދާ ހިލާފު ކަމެއް ކަމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވެފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެ އެއްބަސްވުން އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން އެހެން ބަޔަކަށް އެ މަސައްކަތް ހަވާލުނުކުރުމަށް އަންގާ ވަގުތީ އަމުރެއް ނެރެދިން ސަބަބެއްގެ ކަމަށް އަމުރުގައި ބުނެފައިވަނީ އެ އަމުރު ނުނެރެފި ނަމަ މެރީޑިއަމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެކަން މެރީޑިއަމުން ކޯޓުގައި ބަޔާންކޮށްދީފައިވާތީ ކަމަށެވެ.

މި އަމުރު ނެރުމުގައި އެމްޕީއެލްގެ ބަހެއް ލިބިފައެއް ނުވެ އެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އަމުރަށް ޖަވާބުދާރީވުމަށް އެމްޕީއެލްއަށް ކޯޓަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓާ އެ ކުންފުނިން ހަވާލުނުވުމެވެ.