ފަލަސްތީން

ގާޒާއާ ހުޅަނގު އައްސޭރި 48 ގަޑިއިރަށް އިޒްރޭލުން ބަންދުކޮށްފި

Oct 11, 2016

ޔަހޫދީންގެ ދީނީ އަޅުކަމަކާ ދިމާކޮށް ގާޒާ އާއި ހުޅަނގު އައްސޭރިއަށް ވަަންނަ ސަރަހައްދުތައް 48 ގަޑިއިަރަށް އިޒްރޭލުން ބަންދުކޮށްފި އެވެ.

ޔާހުދީންގެ ދީނީ ބަންދު ދުވަސްތަކާ ދިމާކޮށް މިގެ ކުރިން ވެސް އިޒްރޭލުން ގާޒާ އާއި ހުޅަނގު އައްސޭރި ގުޅުވައިދޭ ބޯޑަރުތައް ބަންދުކުރެ އެވެ. ނަމަވެސް މިފަހަރަށްވުރެ ސެކިއުރިޓީ ވަރުގަދަ ކޮށް އެހެން އެއްވެސް ފަހަރެއްގައި ބަންދުކޮށްފަ އެއް ނުވެއެވެ.

މިއަދު ހަވީރުން ފެށާ ދީނީ އަޅުކަމަށް ގާޒާ އާއި ހުޅަނގު އައްސޭރިއަށް ވަންނަ ދޮރުތައް އިޒްރޭލުން މާ ކުރިން ބަންދުކޮށްފައިވާއިރު، ބޯޑަރު ސަރަހައްދުގައި ބަރު ހަތިޔާރާއެކު އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ އެ ސަރަހައްދުތައް ބަލަހައްޓަމުންނެވެ. އެގޮތުން އިޒްރޭލުން ވަނީ 3000 ސިފައިން އެ ސަރަހައްދުތަކަށް ނެރެފަ އެވެ.

މި ސަރަހައްދުން ފަލަސްތީނަށް އެތެރެ ވުމާއި ބޭރުވުން ހުއްޓާފައިވާއިރު، ގަވައިދާ ހިލާފަށް ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަޒަންވެރިކޮށްފައިވާ އިޒްރޭލްގެ 400000 މީހުން ތިބިއިރު، އަހަރީ އަޅުކަމުގައި ބައިވެރިވާން ބޭނުންވާ އިޒްރޭލްގެ މީހުންނަށް އެ ސަރަހައްދަށް ވަދެވޭނެ އެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެތެރެވުމާއި ބޭރުވުން ވެސް ވަނި މަނާކޮށްފައެވެ. ޔަހޫދީންގެ މި ދީނީ އަޅުކަން ނިމޭނީ މާދަމާ ހަވީރަށެވެ.