ބޮލީވުޑް

ރަންބީރާއި އާލިއާގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން ފެށުން ލަސްކޮށްފި

Oct 12, 2016

ޑައިރެކްޓަރު އަޔާން މުކަރްޖީ ދެން އުފައްދާ ފިލްމަކީ ސުޕަހީރޯ ފިލްމެއްކަން އޭޏާ މިވަނީ އިއުލާންކޮށްފަ އެވެ.

ޒުވާން ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑްރޯލުން ފެނިގެންދާ މިފިލްމުގައި މިދެތަރިން ވެސް ފެނިގެންދާނީ ސުޕަހީރޯއިންގެ ގޮތުގަ އެވެ.

"ޑްރެގަން" ގެ ނަމުން ނަންދީފައިވާ މިފިލްމުގެ ހުރިހާ މަންޒަރެއް އިންޑިއާގައި ނެގުމަށް ހަމަޖެހިފައިވާއިރު ކުރިން ކަނޑައެޅިފައި އޮތް ތާރީހުގައި ފިލްމުގެ ޝޫޓިން ނުފެށޭނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

ކުރިން އަންނަ އަހަރުގެ ކުރީކޮޅު މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް ރަންބީރު ދެން އެންމެ އަވަހަށް ކުޅެން ފަށާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާތީ އެފިލްމަށް ރަންބީރު އަންނަނީ ބަރުދަން ލުއިކުރަމުންނެވެ.

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އުފައްދާ އެފިލްމުގެ އެންމެ ފުރަތަމަ ރަންބީރު ނަގާނީ ސަންޖޭގެ ޒުވާން ދުވަސްވަރުގެ މަންޒަރުތަކަށްވެފައި އެމަންޒަރުތައް ނަގައި ނިމުމުން އަލުން އޭނާގެ ބަރުދަން އިތުރުކުރާނެ އެވެ.

އެހެންކަމުން އަޔާންގެ ސުޕަހިރޯ ފިލްމަށް ތައްޔާރުވެ އެފިލްމުގެ މަސައްކަތް ރަންބީރަށް ފެށޭވަރުވާނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ. މީގެއިތުރުން ވެސް ބަތަލާ އާލިއާ ވެސް މިހާރު ކުޅެމުން އަންނަ ފިލްމު "ބަދްރިނާތްކީ ދުލްހަނިޔާ" ގެ ޝޫޓިން ވެސް އަންނަ އަހަރުގެ ކުރީކޮޅުގެ ކުރިން ނުނިމޭތީ "ޑްރެގަން" ގެ ޝޫޓިން ލަސްކުރީ ކަމަށްވެ އެވެ.

މިފިލްމުގައި ކުޅޭ ސުޕަހީރޯގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ރަންބީރު ވަނީ ބާލިންގައި މާޝަލް އާޓްސްއިން ތަމްރީނުތައް ވެސް ހަދާފަ އެވެ.

އަޔާން މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ރަންބީރު މިފިލްމުގައި ކުޅޭ ކެރެކްޓާއަށް އަތުން އަލިފާން ބޯޅާ ދޫކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށްވެ އެވެ. އަދި އާލިއާގެ ކެރެކްޓާއަށް ވެސް ކޮންމެވެސް ސުޕަޕަވާއެއް ލިބިފައިވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.