ވިޔަފާރި

ދިރާގުގެ 10 ވަނަ ރޯޑް ރޭސް އަންނަ މަހު 11 ގައި

Oct 13, 2016

ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް، ދިރާގު ރޯޑް ރޭސް އަންނަ މަހު 11 ގައި ބާއްވަން ދިރާގުން ނިންމައިފި އެވެ.

މިފަހަރު ހުޅުމާލޭގައި މި ރޭސް ބާއްވާ އިރު އަންނަ މަގުގެ އެކެއްގެ ނިޔަލަށް މި ރޭހުގައި ބައިވެރިވާން ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މީގެ ކުރިން ކުންފުނިތަކުން ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވެ އެވެ. މީގެ ކުރިން މާލޭގައި ބާއްވަމުން އަންނަ މި ރޭސް ހުޅުމާލެއަށް ބަަދަލު ކުރަން ޖެހުނީ، މާލޭގެ މަގުތައް މިވަގުތު އޮތް ގޮތުން، އެފަދަ ހަރަކާތެއް މާލޭގެ މަގުތަކުގައި ބޭއްވުމުގެ ހުއްދަ ފުލުހުން ނުދިނުމުންނެވެ.

އެ ހަރަކާތާ ގުޅޭގޮތުން ދިރާގުގެ، މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރު މެނޭޖަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގު ރޯޑް ރޭސް މިއަހަރު ވަރަށް ހާއްސަ ވާނެ ކަމަށާއި މިއީ މެދުނުކެނޑި އެ ރޭސް ބާއްވަމުން އަންނަތާ 10 ވަނަ އަހަރު ކަމަށެވެ. އަދި މި ތާރީހާ ދިމާކޮށް އެ ރޭސް މާލެއިން ބޭރުގައި ހުޅުމާލޭގައި ބޭއްވުމަކީ އެ ރޭހަށް ތަފާތު ކަމެއް ގެނެސްދޭނެ އަދި އިތުރަށް ފުރިހަމަވެގެން ދާނެ ކަމެއް ކަމަށް މިރުޝާން ވިދާޅުވި އެވެ.

"އެޗްޑީސީގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު އަޅުގަނޑުމެންނަށް މިފަހަރުގެ މި ރޭސް މި ބޭއްވެނީ. ހުޅުމާލޭގައި މިރޭސް ބޭއްވިގެން ދިޔުމަކީ މި ހަރަކާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއް. މި ރޭހުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން ވަނީ ހުޅުވާލެވިފައި،" ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީހުން ހޭލުންތެރި ކުރަން ބާއްވާ މިރޭހާ ގުޅޭ ގޮތުން، މިރުޝާން ވިދާޅުވި އެވެ.

މުޅި ރޭހުގައި ޖުމްލަ ބައިވެރިވެވޭނީ 3،000 އެއްހާ މީހުންނަށެވެ.

ދިރާގު ރޯޑް ރޭސްގައި މައިގަނޑު ގޮތެއްގައި ދެ ކެޓަގަރީއެއް އޮންނަ އިރު ކޮންމެ ކޮޓަގަރީއެއްގައި ވެސް ސްކޫލްތަކުގެ ދަރިވަރުންގެ ބަޔާއި އޯޕަން ބައެއް އަދި 45 އަހަރުން މަތީގެ މީހުންނަށް ހާއްސަ ބައެއް ވަނީ ހިމަނައިފަ އެވެ. ސްކޫލް ދަރިވަރުންގެ ބައިގައި ބައިވެރިވެވޭނީ ވަކި އުމުރެއް ފުރިފައިވާ ކުދިންނަށެވެ.

ރޭހުގެ ކެޓަގަރީތައް

  • ފަސް ކިލޯމީޓަރު - މި އަހަރުގެ ޖެނުއަރީ އެކަކަަށް ހަތް އަހަރު ފުރޭ ކުދިން
  • 10 ކިލޯ މީޓަރު - މި އަހަރުގެ ޖެނުއަރީ އެކަކަށް 16 އަހަރު ފުރޭ ކުދިން

މި ކެޓަގަރީތަކުގައި ދުވުންތެރިންނަށް ބައިވެރިވެ ވޭ އިރު، ދިރާގުން ކަނޑައަޅާފައިވާ ޖަމްއިއްޔާތަކުގެ ނަމުގައި ދުވުންތެރިންނަށް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަނީ ހުޅުވާލައިފަ އެވެ. އަދި އެންމެ ގިނަ ދުވުންތެރިން ބައިވެރިވާ ޖަމްއިއްޔާ އަކަށް، 40،000 ރުފިޔާ ދިރާގުން ދެ އެވެ.

ދިރާގު ރޯޑް ރޭސް އެންމެ ފުރަތަމަ 2006 ވަނަ އަހަރު ބާއްވަން ފެށީ، ދިރާގުގެ ބްރޯޑް ބޭންޑްގެ ހިދުމަތް ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ފަހުން މި ރޭސް، ދިރާގުގެ ސީއެސްއާރު ކޮމްޕެނެންޓެއްގެ ގޮތުގައި ހަމަޖައްސައި، ރޭހުގެ ކޮލިޓީ ވަނީ ރަނގަޅު ކޮށްފަ އެވެ. މި ރޭހުގައި ކޮންމެ އަހަރަކު ވެސް އެކި އުމުރުފުރާތަކުގެ ދުވުންތެރިންނާއި އާންމުން ވެސް ބައިވެރިވެ އެވެ. މިއީ ރާއްޖޭގައި މިހާ ގިނަ އަދަދަކަށް މީހުން ބައިވެރިކޮށްގެން ބާއްވާ ދުވުމުގެ ރޭހެވެ.