މުއާސަލާތީ ކުންފުނި ދިރާގުގެ ހިދުމަތުގައި މިއަހަރު ބޮޑު އަދި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމުގެ އުފާވެރި ހަބަރު ޗެއާމަން މުހައްމަދު އަޝްމަލީ މިރޭ ދެއްވައިފި އެވެ.
ދިރާގުން ނޭޝަނަލް އާޓްގެލަރީގައި މިރޭ ބޭއްވި އެ ކުންފުނީގެ 28 ވަނަ އަހަރީ އާއްމު ޖަލްސާގައި ދިރާގުގެ ބައެއް ހިދުމަތްތައް ހޯދުމަށް ދިމާވަމުންދާ ދަތިތަކާބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗެއާމަން އަޝްމަލީ ވިދާޅުވީ ދިރާގުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް އިންޓަނެޓާއި ޑޭޓާގެ ހިދުމަތުގެ ފެންވަރު މަތި ކުރަން ހުއްޓުމެއް ނެތި މަސައްކަތް ކުރާކަން ޗެއާމަން ފާހަގަ ކުރެއްވި އެވެ.
"މިދިޔަ އަހަރުވެސް ހެޔޮ ބަދަލުތަކެއް ގެނެވިފައިވަނީ. މި އަހަރުގެ ފުރަތަމަ ކްއާޓާގައި ވެސް. މީގެ އިތުރުން ވަރަށް މުހިންމު ބަދަލުތަކެއް މި އަހަރު ވެސް ފެނިގެންދާނެ،" އަޝްމަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުން އަންނަ "ފޭކް" ކޯލްތަކާއި ޑީޑޮސް ހަމަލާތަކުން ސަލާމަތްވުމަށް ވެސް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.
"ޑީޑޮސް ހަމަލާތަކުން ދިފާއުވުމަށް ސިމްޕަލް ފަޔަވޯލް ސެޓިން ހަދައި ދިނުމުގެ ޕްރޮގްރާމެއް ސިވިލް ސާވަންޓުންނަށް ހިންގިން. ކުރިއަށް އޮތް ތާނގައި އެވައާނަސް ޕްރޮގްރާމް ވެސް ހިންގަންވީ. ޓީވީ ބައްލަވާ ބޭފުޅުންނަށް އެނގޭނެ. ސާވްދާން އިންޑިޔާ [އިންޑިޔާ ޓީވީ ސީރީޒެއް] ފަދަ ޕްރޮގްރާމްތައް ހަދަންވީ މީހުން ހޭލުންތެރި ކުރުވަން،" އަޝްމަލީ ވިދާޅުވި އެވެ.
ޑީޑޮސް ހަމަލާތަކާއި ފޭކް ކޯލްތަކުގެ މައްސަލަ ވަރަށް ގިނައިން އާދެ އެވެ. މިފަދަ މައްސަލަތަކުން ސަލާމަތްވުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާ ގުޅިގެން އޮޕަރޭޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.