ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ވަކިކޮށްފި އެވެ.
މިކާ މަގާމުން ވަކިކުރިކަން ނިއު އިން ރަސްމީކޮށް ކަށަވަރުނުކޮށްދިން ނަމަވެސް، މިކާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި މިހާތަނަށް ނިއު އިން ނެރިފައިވާ ނަތީޖާތަކާމެދު ހިތްހަމަނުޖެހޭތީ އެ ކްލަބުން އޭނާ މަގާމުން ވަކިކުރަން އިއްޔެ ނިންމާފައިވާކަން އިތުބާރު ހުރި ގޮތަކަށް ވަނީ ކަށަވަރުވެފަ އެވެ.
މިދިޔަ ސީޒަންގެ މެދުތެރެއިން ނިއުގެ ކޯޗުކަމާ ހަވާލުވި މިކާގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ނިއު އިން ވަނީ ދިރާގު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. ހަވީރުން ހޮވި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި މިކާގެ އިރުޝާދުގެ ދަށުން ނިއު އިން ޖެނުއަރީ މަހު އޮތް ޕީޕަލްސް ކަޕް ނިންމާލީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު އެވެ. އޭއެފްސީ ކަޕްގައި ކުޅުނު ފުރަަމަ މެޗުގައި ނިއު ވަނީ އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގް އަތުން ރަށުން ބޭރުގައި 4-1 އިން ބަލިވެފަ އެވެ.
މިކާއާއެކު، ނިއުގެ އެސިސްޓަންގެ ކޯޗުގެ މަގާމުން އިސްމާއިލް އަނިލް ވެސް ވަނީ ވަކިކޮށްފަ އެވެ. މިދިޔަ އަހަރު ނިއުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި އަނިލް ވަނީ މިދިޔަ އަހަރު އެ ޓީމުގެ ކޯޗުގެ މަގާމު ވެސް ވަގުތީ ގޮތުން އަދާކޮށްފަ އެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ނިއު އިން ދަނީ ބިދޭސީ ކޯޗެއް ގެންނަން މަސައްކަތްކުރަމުންނެވެ.
އާ ކޯޗެއް ހަމަޖައްސަންދެން، ނިއުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ތަޖުރިބާކާރު ޑިފެންޑަރު ސޮބާހު މުހައްމަދުގެ ބެލުމުގެ ދަށުންނެވެ.