ނައިޖީރިއާގެ ހުޅަނގު-އުތުރު ބިތުގައި އޮންނަ ޗީބޮކްގެ ސްކޫލަކަށް ހަމަލާ ދިނުމަށް ފަހު ބޯކޯ ހަރާމް ޖަމާއަތުން ވަގަށް ނެގި އަންހެން ކުދިންގެ ތެރެއިން 21 ކުއްޖަކު ދޫކޮށްލައިފި އެވެ.
ނައިޖީރިއާގެ ރައީސްގެ ތަރުޖަމާން ގާބާ ޝޭހޫ ވިދާޅުވެފައި ވަނީ ބޯކޯ ހަރާމުން އިތުރު ކުދިންތަކެއް ދޫކޮށްލާފައި ވަނީ ސަރުކާރާއި އެ ޖަމާއަތާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާގެ ވާހަކަތަކަށް ފަހު ކަމަށެވެ. ބޯކޯ ހަރާމުން 2014 ވަނަ އަހަރު ޗީބޮކަށް ދިން ވަރުގަދަ ހަމަލާ އަށް ފަހު 270 އަށް ވުރެ ގިނަ އަންހެން ކުދިން ރަހީނުކޮށްގެން ގެންގޮސްފައިވެ އެވެ.
މި ކުދިންތައް ސަލާމަތްކުރުމުގެ މަސައްކަތުގައި މެދުވެރިއެއްގެ ރޯލު ކުޅެފައި ވަނީ ސްވިޓްޒަލެންޑް ސަރުކާރުންނާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އިންނެވެ. މި ކާމިޔާބީ އަށް ފަހު ބޯކޯ ހަރާމާއެކު މަޝްވަރާތައް ދަނީ އަދިވެސް ކުރިއަށެވެ.
އަންހެން ކުދިންތައް ބޯކޯ ހަރާމުން ދޫކޮށްލި ސަބަބު ރަސްމީކޮށް ހާމަކޮށްފައިނުވިޔަސް އޭއެފްޕީ އިން ރިޕޯޓްކޮށްފައިވާ ގޮތުން 21 އަންހެން ކުދިން އެ ޖަމާއަތުން ދޫކޮށްލީ އެމީހުންގެ ހަތަރު ހަނގުރާމަވެރިޔަކު ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެގެންނެވެ.
މިއީ ރަސްމީ ސިފައެއްގައި ބޯކޯ ހަރާމާއި ނައިޖީރިއާގެ ސަރުކާރާ ދެމެދު މަޝްވަރާކުރެވިގެން އަންހެން ކުދިން މިގޮތަށް ސަލާމަތްކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައެއް ކުދިން ފިލާފައިވާއިރު، މި ހަމަލާއެއް ދިން ދުވަހު ވެސް 50 އެއްހާ ކުދިން ފިލާފައިވެ އެވެ.
ނައިޖީރިއާގެ އިރު އުތުރު ބިތުގައި ބާރުގަދަކޮށް ހަމަނުޖެހުން ހިންގަމުން އަންނަ ބޯކޯ ހަރާމުގެ ހަމަލާތަކުގައި 30،000 އަށް ވުރެ ގިނަ މީހުން އެ ސަރަހައްދުން މަރުވެފައިވެ އެވެ. ބޯކޯ ހަރާމް އުފެއްދީ 2002 ވަނަ އަހަރު އެވެ. އެމީހުން ވަނީ މިފަހުން އިސްލާމިކް ސްޓޭޓްއާ ރަސްމީ ގޮތުން ގުޅި ވެސްޓް އެފްރިކަން ޕްރޮވިންސަށް ނަން ވެސް ބަދަލުކޮށްފަ އެވެ.