އެވަޓަން ކޮޅަށް ގޯލު ޖަހަން ލިބުނު ދެ ޕެނަލްޓީ، މުހިންމު ދެ ކުޅުންތެރިން އަތުން ނާކާމިޔާބުވެ 1-1 އިން އެއްވަރުވުމުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނުތަނަވަސްވެއްޖެ އެވެ.
މިއީ ގާޑިއޯލާގެ ކޯޗު ކަމުގައި ފުރަތަމަ 10 މެޗުން މޮޅުވުމަށްފަހު ސިޓީ އަށް މޮޅުނުވެވުނު ދެ ވަނަ މެޗެވެ.
މެޗުގައި ރޮމެލޫ ލުކާކޫ ލަނޑު ޖެހުމުގެ ކުރިން ސިޓީ އަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވީ ކެވިން ޑެބްރޫނޭ އަތުންނެވެ. އެގެ ފަހުން ލިބުނު ޕެނަލްޓީ ނަގާލީ ސާޖިއޯ އަގުއެރޯ އެވެ. ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޕޭނުގެ ފޯވަޑް ނޮލީޓޯ އެވެ.
މެޗަށް ފަހު ގާޑިއޯލާ ބުނީ "އެވަޓަން ހޯދީ އެންމެ ފުރުސަތެއް ކަމަށާއި އެއީ ގޯލެއް،" ކަމަށެވެ.
"ކުޅުންތެރިން ހުރިހާ ކަމެއް ކުރި މޮޅުވާން. އަހަރެން މިހުރީ އެމީހުންނަޓަކައި ވަރަށް ދެރަވެފައި. އެވަޓަންއިން ހޯދީ އެންމެ ފުރުސަތެއް. އެއީ ގޯލެއް. އެކަމަކު މިއީ އެވަޓަން އާއި ކޯޗު ރޮނަލްޑޯ ކޮއެމަން އަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއް،" ގާޑިއޯލާ ބުންޏެވެ.
މި މެޗަކީ ބާސެލޯނާގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ކޮއެމަން އާއި ގާޑިއޯލާ އިނގިރޭސި ލީގުގައި އެކަކު އަނެކަކާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ. ސިޓީގައި ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިން ތިބިއިރު އެވަޓަން އަކީ އާދައިގެ ޓީމެެކެވެ.
ނަމަވެސް ކޮއެމަން ބުނީ މިއީ އޭނާގެ ޓީމަށް ލިބުނު މުހިންމު ހަދިޔާއެއް ކަމަށާއި އެންމެންވެސް ތިބީ އުފަލުން ކަމަށެވެ.
"ކޮންމެ ޓީމަކަށް ކުރެވޭނެ ކަމެއްނޫން [ސިޓީގެ] މި ސްޓޭޑިއަމުން ޕޮއިންޓެއް ހޯދައިގެން ދިއުމަކީ. މިއީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއް،" ކޯޗު ބުންޏެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެވަޓަންގެ ކީޕަރު މާޓިން ސްޓެކެލަންބާގެވެ.
މި ނަތީޖާއާއެކު ސިޓީ އެއްވަނާގައިވަނީ ގޯލުގެ ތަފާތުންނެވެ. އެއީ 19 ޕޮއިންޓުން އާސެނަލްއާ އެއްވަރުވުމުންނެވެ. އާސެނަލް ރޭ މޮޅުވީ ސްވަންސީ އަތުން 3-2 އިންނެވެ. އާސެނަލްގެ ގްރަނިތް ޒަކާ އަށް މެޗުގެ ފަހު މިނިޓްގައި ރަތްކާޑު ދެއްކި މެޗުގައި އެ ޓީމަށް ލަނޑު ޖެހީ ދެ ލަނޑު ޖެހި ތިއޯ ވޮލްކޮޓާއި މެސުޓް އޮޒިލް އެވެ.
ޓޭބަލުގެ ތިން ވަނާގައިވަނީ 18 ޕޮއިންޓާއެކު ޓޮޓެންހަމް އެވެ. އެ ޓީމު ރޭ ވެސްޓް ބްރޮމްއާ ކުޅެ އެއްވަރުވިއިރު އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ 3-0އިން ބަލިކޮށް ޗެލްސީ ވަނީ 16 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. ލެސްޓާ އޮތީ އަށް ޕޮއިންޓާއެކު 13 ވަނާގަ އެވެ.