ބޭރު ކުޅިވަރު

ބޮޑެތި ޓީމުތައް މޮޅުވިއިރު، މެސީ އެނބުރި ދަނޑަށް

ސްޕެނިޝް ލީގުގައި ރެ ގަދަ ހަތަރު ޓީމު ފަސޭހަކަމާއެކު މޮޅުވިއިރު ބާސެލޯނާގެ ލަޔޮނަލް މެސީ އަލުން ކުޅެން ނުކުމެ ލަނޑު ޖަހައިދީފި އެވެ.

ބާސެލޯނާ މޮޅުވީ ޑިޕޯޓިވޯ ލަކަރޫނިޔާ އަތުން 4-0 އިންނެވެ. ރަފީނިއާގެ ފުރަތަމަ ދެ ގޯލަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލުއިސް ސުއަރޭޒް ގޯލެއް ޖެހި އެވެ. ފާއިތުވެދިޔަ ތިން ހަފުތާގައި އަނިޔާގައި ހުރެފައި ފަހު ހާފުގައި ކުޅެން ނުކުމެ މެސީ ލަނޑު ޖެހުމުން ބާސެލޯނާގެ ސަޕޯޓަރުންނަށް ވަނީ އުފާވެރިކަން ވެރިވެފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި މި ހަފުތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެތީ އެވެ.

ޓޭބަލުގެ އެއްވަނާގައިވާ އެތްލެޓިކޯ މޮޅުވީ ގްރަނާޑާ އަތުން 7-1 އިންނެވެ. ޔަނިކް ކަރާސްކޯ މި މެޗުގައި ހެޓްރިކް ހެދި އެވެ. ރެއާލް މެޑްރިޑް މޮޅުވީ ރެއާލް ބެޓިސް އަތުން 6-1 އިންނެވެ. ލަނޑު ޖެހީ ކަރީމް ބެންޒެމާ އާއި ރަފޭލް ވަރާނޭ އަދި މާސެލޯ އާއި އިސްކޯ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީގެ ތެރެއިން އިސްކޯ ދެ ލަނޑު ޖެހި އެވެ.

ސެވިއްޔާ މޮޅުވީ ލެގެންސް އަތުން 3-2 އިންނެވެ. މި ނަތީޖާތަކާއެކު އެއްވަނާގައި އެތްލެޓިކޯ އޮތީ 18 ޕޮއިންޓާއެކުގަ އެވެ. މި އަދަދަށް ރެއާލް އަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް އެތްލެޓިކޯ އެއްވަނަ އަށް ދަނީ ގޯލުގެ ތަފާތުންނެވެ. ސެވިއްޔާ އަށް 17 ޕޮއިންޓާއެކު ތިން ވަނަ އަދި ބާސެލޯނާ އޮތީ 16 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.