ޕީޕީއެމް

ރައީސް ޔާމީނާ ޕީޕީއެމް ހަވާލު ކުރަން ކޯޓުން އަމުރުކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، އެ ޕާޓީގެ މުސްތަޝާރާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށް ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން އެ ޕާޓީގެ މުސްތަޝާރަށް އަންގައިފި އެވެ. ޕީޕީއެމްގެ މުސްތަޝާރަކީ ރައީސް އަބްދުﷲ ޔާމީނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ސިވިލް ކޯޓަށް ވެއްދި މައްސަލާގެ ހުކުމުގައި ބުނެފައިވަނީ، ޕީޕީއެމްއަކީ ޕީޕީއެމްގެ ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގަންޖެހޭ ޕާޓީއަކަށްވިޔަސް ޕީޕީއެމްގެ ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުން ބޭރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމަލުކުރަމުންދާ ކަމަށެވެ.

ހުކުމުގައި ވަނީ ޕީޕީއެމްގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ޕާޓީގެ ރައީސް ޕާޓީގެ ކައުންސިލްގެ ބޭރުން ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި އެކުލަވާލާފައި އޮންނަ މަޝްވަރާ މަޖިލީހެއް އޮންނަން ވާނެ ކަމަށެވެ. އަދި އައްޔަންކުރެވޭ މަޖިލީހަކީ ޕާޓީގެ ކައުންސިލްގެ ރުހުމާއެކު އޮންނަންޖެހޭ މަޖިލީހެއްކަން ޕީޕީއެމްގެ އަސާސީ ގައިދުގެ 39 ވަނަ މާއްދާގެ (ށ)އިން އެނގެން އޮންނަ ކަމަށާއި އަސާސީ ގަވައިދުގައިވާ ގޮތުގެ މައްޗަށް ނޫން ގޮތެއްގައި ޕީޕީއެމްގެ ރައީސް އެކުލަވާލާ ކޮންމެ މަޖިލީހަކީ ބާތިލް މަޖިލީހެއް ކަމަށެވެ.

މަދަނީ މައްސަލަތައް ބެލުމުގައި އަމަލުކުރަން ޖެހޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ކޯޓުން އަންގާފައިވާ އެންގެވުންތަކަށާއި ސިވިލް ކޯޓުގެ އަމުރަށް ޕީޕީއެމްގެ ރައީސް އިޖާބަދީފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. މީގެކުރިން ސިވިލް ކޯޓުން ވަނީ، ކައުންސިލު ބައްދަލުވުންތަކާއި ކޮމެޓީތައް ހިންގުން ހުއްޓާލުމަށް ރައީސް މައުމޫން އެންގެވި އެންގެވުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

"ޕީޕީއެމް ހިންގުމަށާއި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސިޔާސީ ވެށީގައި ހަރަކާތްތެރިވުމަށް ހުރަސްއަޅާފައިވާތީ އެކަންކަމަކީ ޕީޕީއެމްގެ މެންބަރުންގެ މަސްލަހަތާއި ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތަކާއި އެއްގޮތްވާ ކަންކަމަށް ނުވޭ،" ހުކުމުގައިވެ އެވެ.

ޕީޕީއެމްގެ ކަންކަން އެ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަށަވަރުކޮށް، ރާއްޖޭގެ ސިޔާސީ ވެށީގައި ގާނޫނުތަކުގެ ހުދޫދުން ބޭރު ނުވެ، ހަރުދަނާކަންމަތީ ހިނގަމުންދާ ސިޔާސީ ޕާޓީތަކަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން މަގުފަހިކޮށްދޭންޖެހޭ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.

ޕީޕީއެމްއަކީ އެ ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިނގަމުންދާ ޕާޓީއެއްކަން ކަޝަވަރުކުރުމަށްޓަކައި ޕީޕީއެމްގެ ހިންގުން ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމށް ޕީޕީއެމްގެ ރައީސް އުޒުރުވެރިވަމުން އައިސްފައިވާ ކަމަށްވުމުން އެކަންކަމަކީ ޕީޕީއެމްގެ ރައީސަކު އެ މަސްއޫލިއްޔަތު އަދާކުރުމަށް ނެތް ހާލަތާއި އެއްފަދަ ހާކަރެއްކަމަށްވުމުން އެ ކަންކަމަކީ ޕީޕީއެމްގެ މެންބަރުންނާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތަކާ އެއްގޮތްވާ ކަމަކަށް ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އޭގެއިތުރަށް ހުކުމުގައި ބުނެފައިވަނީ، ޕީޕީއެމްގެ ހިންގުން ކަށަވަރުކުރުމަށްޓަކައި ޕީޕީއެމްގެ ކައުންސިލުން ޕީޕީއެމްގެ ހިންގުމާމެދު އެހެން ގޮތަކަށް ކަނޑައަޅަންދެން ޕީޕީއެމްގެ ހިންގުން ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކުރުމަށް އަމުރުކުރާ ކަމަށެެވެ.