ޕީޕީއެމް

ހުކުމެއް އޮތްވާ މައުމޫން ޕީޕީއެމްގެ އެސްޖީގެ މަގާމަށް ބޭފުޅަކުލައިފި

ހުސްވެފައިވާ ޕީޕީއެމްގެ ސެކެރެޓްރީ ޖެނަރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް އަލީމް މިއަދު އައްޔަންކޮށްފި އެވެ. އަލީމް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

އަލީމަކީ މީގެކުރިން އެ ޕާޓީގެ ޑެޕިއުޓީ އެސްޖީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ޕީޕީއެމްގެ އެސްޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ ހޯމް މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރުމުންނެވެ.

ޕާޓީގެ އެސްޖީގެ މަގާމަށް އަލީމް އައްޔަންކޮށްފައިމިވަނީ ޕާޓީގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ. މައުމޫން ވަނީ އެ ހުކުމް ގަބޫލުނުކުރައްވައި، އިސްތިއުނާފަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ.