ހަބަރު

އަންހެނުންނަށް ފާޑުކިޔައި ކުރި ޓްވީޓަކުން އުމަރު ހޫނުފެނަށް!

Oct 17, 2016
13

ރަނގަޅު މީހުން ނުބައިވެ މަގުއޮޅިގެންދާ އެއް ސަބަބަކަށް އަންހެނުން ހިމެނޭ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޓްވީޓެއް ކުރެއްވުމާ އެކު އެމަނިކުފާނަށް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެ ހޫނުފެނަށް ވެއްޓިއްޖެ އެވެ.

އުމަރު މިއަދުގެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރަލާއި، އަންހެނުން އަދި މުދާ ނޫނީ މުއްސަދިކަމަކީ ރަނގަޅު މީހުން ނުބައި ކުރާ ތިން ސަބަބެއް ކަމަށެވެ. މިސާލު ދައްކަވަމުން އުމަރުގެ ވިދާޅުވީ ރަލުގެ ސަބަބުން ރާއްޖޭގައި ވެރިކަން ކުރި އެއް ރައީސްއަކު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާ ކަމަށާއި މުދަލާއި މުއްސަދިކަމުގެ ސަބަބުން އެއް ރައީސްއަކު ސިޔާސީ ގޮތުން ކަނުބޭފުޅަކަށް ވެވަޑައިގެންފައިވާ ކަމަށެވެ.

އެއާ ވިއްދާ އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ މާޒީއަށް ބަލާއިރު، އަންހެނުންނާ ހެދި، ރައީސްއަކު ރާއްޖޭގައި ތަޅާ މަރާލާފައިވާ ކަމަށެވެ. އުމަރު އެ އިޝާރާތް ކުރައްވަނީ މުހައްމަދު އަމީން ހަވަރަށްދީ އަވަހާރަކޮށްލި ހާދިސާއަށެވެ.

"މި މިސާލުތަކުން ވެސް މިތިން ސަބަބަކީ ރަނގަޅު މީހަކު ހަލާކުވެގެން ހިނގައިދާނެ ކަންކަން ދަލީލުކޮށްދޭ،" އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވަން ނިންމަވާފައިވާ އުމަރުގެ މި ޓްވީޓުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އުމަރު ނަސީރާ އެއްސަފެއްގައި، ޕީޕީއެމްގެ މައުމޫން ފެކްޝަންގައި އުޅުއްވާ ބައެއް ފަރާތްތަށްވެސް ވަނީ އޭނާއަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒު ކުރަން ފައްޓަވައިފަ އެވެ.

އެގޮތުން ޕީޕީއެމްގެ ކައުންސިލް މެންބަރު، އައިމިނަތު ނާދިރާ ވިދާޅުވީ އުމަރުގެ އެ ވާހަކަތަކީ ހަމަނުޖެހޭ އަދި އަންހެނުންނަށް ވަރަށް ބޮޑަށް ބަދުބަސް ރައްދުވެގެންދާ އެއްވެސް ގުޅުމެއް ނެތް ޓްވީޓްތަކެއް ކަމަށެވެ. އަދި މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވެސް ވިދާޅުވީ އެއީ ވަކީ ޖިންސެއްގެ ބަޔަކަށް ފުރައްސާރަ ރައްދުވާ ގޮތަށް އުމަރު ކުރެއްވި ކަމެއް ކަމަށެވެ. ޔުމްނާ ވަނީ އުމަރަށް ނަސޭހަތެއް ވެސް ދެއްވައިފަ އެވެ. ވިދާޅުވީ، ފިރިހެނުންނަށްވެސް އަންހެނުން ނުބައި ކުރެވޭނެ ކަމަށާއި ނަމަވެސް އެންމެން ގުޅިގެން އެކަކު އަނެކަކު ރަނގަޅުވުމަށް އެހީތެރިވެދޭން ޖެހޭނެ ކަމަށެވެ.

ޓްވިޓާގައި ފޯރިނަގާ ޒުވާނުންނާއި އިދިކޮޅު ފަރާތްތަކުން އުމަރު ސިފަކޮށްފައި ވަނީ މުޅި ދުނިޔެ ޖޯކަކަށް ބަލާފައިވާ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕްއާ އެއް ލެވަލްއެއްގެ މީހެއްގެ ގޮތުގަ އެވެ. ބައެއް މީހުން ބުނީ، އުމަރަށް ދިވެހި ތާރީހު ވެސް ރަނގަޅަށް ނޭނގޭ ކަމަށާއި މިއީ ވާނުވާ ނޭނގި ހުރެ އަންހެނުންގެ އިއްޒަތާއި ކަރާމާތަށް އަރައިގަތުން ކަމަށެވެ. އަދި އަނެއް ބަޔަކު ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ވާން އުޅޭ މީހެއްގެ ކިބައިން މިފަދަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށް ބުނެވެސް ފާޑު ކިޔައިފަ އެވެ.

އެއްބަޔަކު ބުނަނީ، އަންހެނުންނަށް ތަފާތު ކުރުމާއި އަންހެނުންނާ މެދު ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ ގާނޫނުތަކާ ވެސް މުޅިން ހިލާފު ކަމެއް ކަމަށެވެ. މި ހުރިހާ ސަބަބުތަކާ އެކު އުމަރު މާފަށް އެދެން ޖެހޭ ކަމަށް ވެސް އެއްބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެހެން ނަމަވެސް މިޒާޖުގައި ވެސް ހަރުކަށި ގޮތެއް ހުންނަ، އުމަރު މާފަށް އެދިވަޑައިގަންނަވާނެ ހެނެއް ހިއެއްނުވެ އެވެ.