މޯލްޑިވްސް ބޯޓިން އެވޯޑްސް

ބޯޓިން އެވޯޑުގައި ޔަންމާ، ދޫސަން އަދި ޔަމަހާ ގަދަ ހިފުމަށް!

Oct 18, 2016
2
  • ބޯޓިން އެވޯޑަށް ވޯޓު ދިނުން 22 ގެ ނިޔަލަށް
  • އެވޯޑު ދެނީ ކޮންމެ އަހަރަކު އެއް ފަހަރު
  • އެވޯޑުގައި 25 ގިންތިއަކުން ދޭނެ

މޯލްޑިވްސް ބޯޓިން އެވޯޑުގައި 25 ގިންތިއަކުން ވާދަ ކުރާނެ އެވެ. މި އެވޯޑުތަކުގެ ބައިތަކުގެ ތެރޭގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ އެއް ބަޔަކީ "އަހަރުގެ އެންމެ ފާހަގަ ކުރެވޭ މެރިން އިންޖީނު މަރުކާ" ގެ ބައެވެ. މި ބައިގައި މި މި އަހަރު ވާދަކުރަނީ އެމްޓީސީސީގެ "ޔަންމާ" އާއި ވީއޭއެމްކޯގެ "ދޫސަން" އަދި އެލިޔާގެ "ޔަމަހާ" އިންޖީނެވެ. ވޯޓުލުން ކުރިއަށްދާއިރު، ތިން އިންޖީނުގެ ވާދަވެރިކަން ބޮޑުވެ މިވަނީ ގަދަ ހިފުމަކަށް ގޮސްފަ އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑު އިންތިޒާމުކުރާ ޔުނިކާ އިން ބުނީ މި އަހަރުގެ އެވޯޑަށް ވޯޓުލުމުގެ ފުރުސަތު 22 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، "ބޯޓިން އެވޯޑު" ވެބްސައިޓު މެދުވެރިކޮށް ވޯޓު ލެވޭނެ ކަމަށެވެ.

ވޯޓުލާން ހުޅުވާލާފައިވާއިރު، އަހަރުގެ އެންމެ މޮޅު މެރިން އިންޖީނު ބްރޭންޑުގެ ބައިގައި ވާދަކުރާ އެމްޓީސީސީގެ ޔަންމާއަކީ ރާއްޖޭގެ އޮޑި ދޯނި ފަހަރުގައި އެޅި އިންޖީނާއެކު، ގަދަ ވަޔާއި ވިއްސާރާގައި، ވަރުބަލި ކަމެއް ނެތި ހިދުމަތް ކުރާތާ 40 އަހަރުވ ބްރޭންޑެކެވެ. އަދި ވީއޭއެމްކޯއިން ވިއްކާ ދޫސަމް އިންޖީނަކީ ރާއްޖޭގެ ބާޒާރުގައި 100 އަށްވުރެ ގިނަ އުޅަނދުގައި ބޭނުންކުރާ އިތުބާރު ބޮޑު ބްރޭންޑެއްގެ އިންޖީނެކެވެ. އަދި އެލިޔާއިން ވިއްކާ "ޔަމަހާ" އިންޖީނަކީ ރާއްޖޭގެ ބާޒާރަށް ސްޕީޑް ލޯންޗް ފަހަރު އައުމާއެކު، ލޯންޗް ފަހަރުގައި އެންމެ ގިނައިން އަޅާފައިވާ އިންޖީނެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ ސަފާރީ އޮޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރަސްމީ އެވޯޑެވެ. ބޯޓިން އެވޯޑަކީ ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ދެނީ ކޮންމެ އަހަރަކު އެއް ފަހަރެވެ. މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.