މޫސުން

ކުރިއަށް އޮތް ދެ ދުވަހުވެސް ވިއްސާރަ ކުރާނެ: މެޓް އޮފީސް

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މީޓޮރޮލިޖިކަލް ސެންޓަރުން (މެޓު) އިން ބުނެފި އެވެ.

މެޓު އޮފީހުގެ އެސިސްޓެންޓް މީޓްރޮލޮޖާ ހުސެން ވަހީދު ވިދާޅުވީ މިހާރު ކުރަމުން މިދާ ވިއްސާރައިގައި ބޮޑަށް ވިއްސާރަ ކުރާނީ މެދު ރާއްޖެ ތެރެއަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަވާނެ ކަމަށެވެ. ހާއްސަކޮށް ޅ އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މެދު ރާއްޖެ ތެރެއަށް އެހެން ހިސާބުތަކަށްވުރެ ގަދަވާނެ ކަމަށެވެ. ވަހީދު ވިދާޅުވީ ވައި ވެސް އާންމުކޮށް ހުރިހާ ހިސާބަކަށް 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓު އޮފީހުން އިލްތިމާސް ކުރެ އެވެ.