ވިޔަފާރި

ބޯޓިން އެވޯޑުގެ ވާދަވެރި އެވޯޑަށް "ވޮވޭޖަސް" އާއި "ސްކޫބާ ސްޕާ"

Oct 19, 2016
  • އެވޯޑު 25 ގިންތިއަކުން ދޭނެ
  • އެވޯޑަށް 22 ގެ ނިޔަލަށް ވޯޓު ދެވޭނެ
  • ރާއްޖޭގެ ސަފާރީތަކަށް ދޭ ހަމައެކަނި އެވޯޑު

މޯލްޑިވްސް ބޯޓިން އެވޯޑުގައި އެންމެ ވާދަވެރި އެވޯޑަކީ ހަމަ ޔަގީނުން ވެސް "އަހަރުގެ އެންމެ ފުރިހަމަ ސަފާރީ ބޯޓު/ ސަފާރީ ބްރޭންޑު" އެވޯޑެވެ. މި އެވޯޑަށް މި އަހަރު ވާދަކުރަނީ ވޮޔޮޖަސް އާއި ސްކޫބާ ސްޕާ އެވެ.

މި އެވޯޑުގައި މި އަހަރު ވާދަކުރާ "ވޮޔޮޖަސް" އަކީ 1980 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސަފާރީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. ދިވެހި ދޯނީގެ ވައްޓަފާޅި ދަމަހައްޓަމުން ގެންދާ ކުންފުނީގައި ހަތް ސަފާރީއެއް ދުއްވަމުން ގެންދެ އެވެ. މިގޮތުން ވޮޔޮޖަސް ކުންފުނީގެ ދަށުން ދުއްވާ ސަފާރީތަކުގެ ތެރޭގައި "ގުރަހަލި" އާއި "ކޮއިމަލާ" އަދި "ކެތި" ގެ އިތުރުން "ގަހާ" އާއި "ސީކޮރަލް" އަދި "ގުލްފާމް" ހިމެނެ އެވެ.

"ސްކޫބާ ސްޕާ" އަކީ ރާއްޖޭގެ އެންމެ ތަފާތު ސަފާރީ ދުއްވާ ކުންފުންޏެވެ. މި ކުންފުނީގެ ދަށުން ދުއްވާ ސަފާރީ ތަކަކީ ބޮޑެތި އުޅަނދު ފަހަރެވެ. މި ކުންފުނީގެ ސަފާރީތަކަކީ ސައިޒުން ބޮޑެތި ހިތްގައިމު ފަރުމާ ތަކެކެވެ.

މޯލްޑިވްސް ބޯޓިން އެވޯޑު އިންތިޒާމުކުރާ ޔުނިކާ އިން ބުނީ މި އަހަރުގެ އެވޯޑަށް ވޯޓުލުމުގެ ފުރުސަތު 22 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، "ބޯޓިން އެވޯޑު" ވެބްސައިޓު މެދުވެރިކޮށް ވޯޓު ލެވޭނެ ކަމަށެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ ސަފާރީ އޮޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރަސްމީ އެވޯޑެވެ. ބޯޓިން އެވޯޑަކީ ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ދެނީ ކޮންމެ އަހަރަކު އެއް ފަހަރެވެ. މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.