ނިއު ރޭޑިއަންޓް އިން މި ސީޒަންގައި ނެރިފައިވާ ދަށް ނަތީޖާތަކުގެ ޒިންމާ ނަގާ ކަމަށާއި މި ވަގުތު އެ ކްލަބަށް އެންމެ ރަނގަޅު ގޮތަކީ އާ ކޯޗަކާއެކު ކުރިއަށް ދިއުން ކަމަށް ގަބޫލްކުރާ ކަމަށް ނިއުގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވާ ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ބުނެފި އެވެ.
މިދިޔަ ސީޒަންގެ މެދުތެރެއިން ނިއުގެ ކޯޗުކަމާ ހަވާލުވި މިކާގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ނިއު އިން ވަނީ ދިރާގު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. ހަވީރުން ހޮވި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި މިކާގެ އިރުޝާދުގެ ދަށުން ނިއު އިން ޖެނުއަރީ މަހު އޮތް ޕީޕަލްސް ކަޕް ނިންމާލީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު އެވެ. އޭއެފްސީ ކަޕްގައި ކުޅުނު ފުރަަމަ މެޗުގައި ނިއު ވަނީ އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގް އަތުން ރަށުން ބޭރުގައި 4-1 އިން ބަލިވެފަ އެވެ.
ނިއު އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭއެފްސީ ކަޕްގެ ޕެރްސިބް ބަންޑުންގް އަތުން ތަފާތު ބޮޑުކޮށް ނިއު ބަލިވި މެޗަށް ފަހު، މިކާގެ ކޮންޓުރެކްޓް އުވާލަން ނިންމީ "ދެ ފަރާތުން އެއްބަސްވެގެން" ކަމަށެވެ.
މިކާ ބުނީ މި ސީޒަންގައި ނިއު އިން ނެރިފައިވާ ދަށް ނަތީޖާތަކުގެ ޒިންމާ ނަގާ ކަމަށެވެ.
"އަހަންނަށް އެނގޭ އޭއެފްސީ ކަޕްގެ މުހިންމުކަން. އަދި ނިއުގެ މެނޭޖްމަންޓާއި ސަޕޯޓަރުން ކާމިޔާބު ބޭނުންވާ މިންވަރު. އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް މި ކްލަބަށްކޮށްދީފިން. ޗެއާމަނާއި އަހަރެންގެ ސްޓާފުންނާ ވާހަކަދެއްކުމަށް ފަހު، އަހަންނަށް ގަބޫލްކުރެވުނު ގޮތުގައި މިހާރު މި ޓީމު ކުރިއަށް ގެންދެވޭނީ ބަދަލާއެކު،" ނިއުގެ ވެބްސައިޓް އަށް ދިން އިންޓަވިއުެއެއްގައި މިކާ ބުނެފައިވެ އެވެ. "ނިއު އަށް ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބަށް އެދެން. ދިވެހި ފުޓްބޯޅަ ތަޖުރިބާ ކުރެވުނީތީ އުފާކުރަން."
މިކާއާއެކު، ނިއުގެ އެސިސްޓަންގެ ކޯޗުގެ މަގާމުން އިސްމާއިލް އަނިލް ވެސް ވަނީ ވަކިކޮށްފަ އެވެ. މިދިޔަ އަހަރު ނިއުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި އަނިލް ވަނީ މިދިޔަ އަހަރު އެ ޓީމުގެ ކޯޗުގެ މަގާމު ވެސް ވަގުތީ ގޮތުން އަދާކޮށްފަ އެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ނިއު އިން ދަނީ ބިދޭސީ ކޯޗެއް ގެންނަން މަސައްކަތްކުރަމުންނެވެ.
އާ ކޯޗެއް ހަމަޖައްސަންދެން، ނިއުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ތަޖުރިބާކާރު ޑިފެންޑަރު ސޮބާހު މުހައްމަދުގެ ބެލުމުގެ ދަށުންނެވެ.
"