ބޭރު ކުޅިވަރު

ޖޯކު ކިޔަނީ އިބްރަހިމޮވިޗް، ޕޮގްބާ ނަށަނީ

މެންޗެސްޓާ ޔުނައިޓެޑުގެ ޗޭންޖިން ރޫމުގައި ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ޓީމު ރޫހު އޮންނަ ކަމަށާއި ޓީމާ އަލަށް ކުޅުނު ސީނިއާ ކުޅުންތެރިން އެކަމަށް ވަރަށް ބޮޑަށް އެހީތެރިވާ ކަމަށް ޔުނައިޓެޑުން ބުނެފި އެވެ.

ޔޫރޮޕާ ލީގުގައި މިރޭ ތުރުކީގެ ފެނަބާޗޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޒުވާން ޑިފެންޑަރު ލޫކް ޝޯ ބުނީ އިބްރަހިމޮވިޗަކީ ސީރިއަސް ކުޅުންތެރިއެއް ނަމަވެސް އޭނާގެ ފަރާތުން ކުޅުންތެރިން މޯޓީވޭޓްވާ ކަމަށެވެ.

"އަހަރެން މި ކުލަބަށް އައިރު ވަރަށް ގިނަ ބޮޑެތި ކުޅުންތެރިން ޓީމު ދޫކޮށް ގޮސްފި. ތަޖުރިބާކާރު ބައެއް ކުޅުންތެރިން ވެސް ތިބި. އެއިރު ވެސް ޓީމު ރޫހު އޮވޭ. އެކަމަކު މިހާރު މަޑުމަޑުން ޓީމު ރޫހު ބޮޑުވޭ. އަލަށް އައި ކުޅުންތެރިންނަށް ބަލާއިރު އިބްރަހިމޮވިޗް ވަރަށް ގިނައިން ޖޯކުކިޔާނެ. ހީ ސަމާސާކޮށް ހަދާނެ. އޭގެ ސަބަބުން ޓީމު ރޫހު ރަނގަޅުވޭ. މިއީ އަހަރުމެންނަކީ ޓީމެއްގެ ގޮތުގައި އެކަތިގަނޑެއްކަން ދައްކާލަން ލިބޭ ފުރުސަތެއް،" ޔުނައިޓެޑްގައި ޓީމު އޮތީ ކިހާވަރަކަށްތޯ އެހުމުން ޝޯ ޖަވާބުދިނެވެ.

އިޓަލީގެ ބޮޑު ތިން ކުލަބު ކަމަށްވާ އިންޓަމިލާނާއި އޭސީމިލާން އަދި ޔުވެންޓަސްގެ އިތުރުން ސްޕޭނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަށް ކުޅުމަށްފަހު އިބްރަހިމިޮވިޗް 34 ޔުނައިޓެޑާ ގުޅުނީ ފްރީ ޓްރާންސްފާއެއްގައި މި ސީޒަނުގަ އެވެ. މުޅިން ހިލޭ އޭނާ ލިބުނަސް ޔުވެންޓަސް ޕައުލް ޕޮގްބާ އުފުރާލީ ދުނިޔޭގެ ރެކޯޑް ފީއަކަށެވެ. ލޫކް ޝޯ ބުނީ ޕޮގްބާ އަކީ ވަރަށް ގިނަވައްތަރުގެ ޑާންސް ކުރާ ކުޅުންތެރިއެއް ކަމަށެވެ.

"ވަރަށް ގިނަ ޑާންސްތައް އޭނާ ކުރާނެ ޗޭންޖިން ރޫމުގައި. އޭނާ ދުނިޔޭގެ ގަދަ 11 އަށް އެރީ ސަބަބެއް ނެތިއެއްނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ އަންނަނީ މަޑުމަޑުން މި ކުލަބަށް ހޭނެމުން. ޕްރެކްޓިހުގައި އޭނާގެ މޮޅުކަން އަހަރުމެންނަށް ފެނޭ. އަދި މެޗަަކަށްފަހު މެޗެއްގައި އޭނާ އަންނަނީ ރަނގަޅުވަމުން. އޭނާ އަކީ މޮޅު ލީޑަރެއްވެސްމެ،" 23 އަހަރުގެ ޝޯ ބުންޏެވެ.