ބޭރު ކުޅިވަރު

އޮޒިލްގެ ހެޓްރިކް ހެދިޔަސް އާސެނަލް އެއްފެންވަރެއްގައި ކުޅެންޖެހޭ: ފާޑިނަންޑް

ލުޑޮގްރެޓްސް ކޮޅަށް މެސުޓް އޮޒިލް ހެދި ހެޓްރިކާއެކު 6-0އިން މޮޅުވެ އާސެނަލް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރާ ގާތަށް ދިޔަ ނަމަވެސް އެއްފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ ކަމަށް މަޝްހޫރު ރިއޯ ފާޑިނަންޑް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ކުރީގެ ކެޕްޓަން މެޗަށް އިންސާފު ކުރަމުން ބުނީ އާސެނަލް އަކީ އަބަދުވެސް މޮޅަށް ކުޅޭ ޓީމެއް ކަމަށާއި ނަމަވެސް ރަނގަޅު މެޗުތަކެއް ކުޅުމަށްފަހު ޖެހިގެން އަންނަ މެޗުގައި ވަރަށް ދަށްކޮށް ކުޅޭ ކަމަށެވެ.

"އަހަރެން ދެކެން ބޭނުންވަނީ އާސެނަލް ދެމެހެއްޓެނިވި ގޮތެއްގައި މޮޅަށްކުޅޭތަން. އެމީހުންގެ އޮތީ ވަރުގަދަ ޓީމެއް. އާސެނަލް އަށް ނުކުރެވޭނެ ކަމެއްނޫން އެއީ،" ފާޑިނަންޑް ބުންޏެވެ.

މި މެޗުގައި އޮޒިލްގެ އިތުރުން ލަނޑު ޖެހީ ތިއޯ ވޮލްކޮޓާއި އެލްކެސިސް ސަންޗޭޒް އަދި އޮކްލޭޑް ޗެމްބަލައިން އެވެ.

މެޗަށް ފަހު ކޯޗު އާސެން ވެންގާ ބުނީ މޮޅުވަމުން ދާތީވެ ޓީމުގެ އިތުބާރު ބޮޑުވަމުން އަންނަ ކަމަށާއި އެންމެ މުހިންމު ކަމަކީ ޓީމުގެ ކުޅުން އެއްފެންވަރެއްގައި ހިފެހެއްޓުން ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ (ދެ ވަނަ ބުރަށް) ކޮލިފައިވުން. އަހަރުމެން ދެ ހަފުތާ ފަހުން އަނެއްކާ ވެސް ލުޑޮގްރެޓްސްއާ ކުޅެންޖެހޭ. އެ މެޗުގައި އެމީހުން ދައްކަން ބޭނުންވާނީ 6-0އަށްވުރެ އެމީހުން މާމޮޅުވާނެކަން،" ވެންގާ ބުންޏެވެ.

އޭނާ ބުނީ މި މެޗަކީ ވެސް އުނދަގޫ މެޗަކަށްވާނެ ކަމަށް އޭނާ އުއްމީދުކުރި ކަމަށާއި މެޗުގެ ކޮންޓްރޯލް އާސެނަލް އަށް ލިބުނީ ފަހުހާފުގައި ކަމަށެވެ.