ބޮލީވުޑް

ސަލްމާން ދެން ކަބީރް ޚާންގެ ފިލްމެއް ނުކުޅޭނެ؟

Oct 21, 2016

ސުޕަސްޓާ ސަލްމާން ޚާންގެ ކާމިޔާބު ފިލްމީ ހަޔާތުގައި މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ދެފިލްމަކަށް ހަމަޔަގީނުންވެސް ވަނީ "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ވާނެ އެވެ.

މިދެފިލްމަކީ ވެސް ޑައިރެކްޓަރު ކަބީރް ޚާން އުފައްދާފައިވާ ފިލްމަށްވީއިރު، ސަލްމާން މިހާރު އަންނަނީ އޭނާ ކަބީރް އާއެކު ކުޅޭ ތިންވަނަ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ.

އިންޑިއާގެ މަނާލީގައި "ޓިއުބްލައިޓް" ގެ ޝޫޓިން ކުރިއަށްދާއިރު، ސަލްމާން އާއި ކަބީރްގެ ދެމެދުގައި ފިލްމުގެ ކްރިއޭޓިވިޓީއާ ގުޅޭގޮތުން ހިޔާލު ތަފާތުވެ ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ ވާހަތަކެއް އަންނަނީ ދެކެވެމުންނެވެ.

ކަބީރް ދެކެ ސަލްމާން އިންތިހާ އަށް ހިތްހަމަނުޖެހިގެން އުޅޭކަމަށްވާއިރު މިފިލްމަށްފަހު ދެން ކަބީރް އުފައްދާ އެއްވެސް ފިލްމެއް އޭނާ ނުކުޅޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ. ބުނެވޭ ގޮތުގައި މިފިލްމުގެ ފަހުން ސަލްމާނާ އެކު ފިލްމެއް އުފައްދާކަށް ކަބީރް ވެސް ބޭނުމެއްނުވެ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރު ހިނގި އިންޑޯ - ޗައިނާގެ ހަނގުރާމައިގެ އަސްލަކަށް ބަލައިގެން އުފައްދާ މިފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް ސަލްމާނެވެ. މިފިލްމުގެ މުހިންމު ރޯލަކުން ސަލްމާންގެ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދެ އެވެ. އަދި މިފިލްމުގެ ބަތަލާ އަކީ ޗައިނާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޒޫ ޒޫ އެވެ.

ސަލްމާން އާއި ކަބީރްގެ ދެމެދުގައި މައްސަލަޖެހި ދެން އެކުގައި ފިލްމެއް ނުއުފައްދާނެ ކަމުގެ ވާހަކައަކީ ކިހާ ހަގީގަތެއް އެކުލެވޭ ވާހަކައެއްކަން ޔަގީންނުވި ނަމަވެސް މިވާހަކަތަކަށް ޖޯކު ޖަހައި ކަބީރް ވަނީ ޓްވީޓްކޮށްފަ އެވެ.

ސަލްމާން އާއި ކަބީރް އެކަކު އަނެކަކަށް ފުރަގަސްދީގެން ތިބޭ ފޮޓޯ އަކާ އެކު ކުރި މިޓްވީޓްގައި ކަބީރް ވަނީ ދެން ނޫސްތަކުގައި ޖަހާ ހަބަރަކަށް ވާނީ އޭނާ އާއި ސަލްމާން އެކަކު އަނެކަކާ އަނގައިވެސް ނުބުނާ ކަމަށާއި އަދި އެހަބަރުތަކުގައި ޖަހަން ވާނީ ވެސް މިފޮޓޯ ކަމަށް ބުނެފަ އެވެ.

ކޮންމެ އަކަސް ކަބީރް އާއި ސަލްމާންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭކަން ނުވަތަ ނޫންކަން ޔަގީންނުވިޔަސް، މިހާތަނަށް ސަލްމާނާ އެކި ގޮތްގޮތުން މައްސަލަ ޖެހުނު މީހުންނާ އޭނާ އާ ޖެހުނު މައްސަލަތައް ހައްލުވެފައިވަނީ ވަރަށް މަސައްކަތުުންނެވެ. އަދި އޭނާ އާއި ޒާތީ ގޮތުން ޖެހުނު އެތަކެއް ތަރިންނެއްގެ ފިލްމީ ކެރިއަރުތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ.

އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރަން ހަމަޖެހިފައިވާ މިފިލްމުގެ އެންމެ ފުރަމަ ޝެޑިއުލްގެ ޝޫޓިން ނަގާފައިވަނީ ލެ ލަޑަކްގަ އެވެ. އެއަށްފަހު މިހާރު މަނާލީގައި ނަގަމުން ދަނީ ދެވަނަ ޝެޑިއުލްގެ ޝޫޓިން އެވެ.

"ޓިއުބްލައިޓް" ގެ އިތުރުން "ބަޖްރަންގީ ބައިޖާން" ގެ ޝޫޓިން ތެރެއިން ވެސް ސަލްމާން އާއި ކަބީރް ދެމެދުގައި ހިޔާލު ތަފާތުވުން ތަކެއް އުފެދުނު ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. ނަމަވެސް އެފިލްމު ރިލީޒްކުރުމާއެކު ދެކެވެމުން އައި ވާހަކަތައް ވަނީ ހުއްޓިފަ އެވެ.