ހަށިގަނޑަށް އެކަށީގެންވާ ވަރަށް ކާނާ ނުލިބުމުން ޖެހޭ ބައްޔެއް ކަމަށްވާ ކާޑު ބައްޔާ ދެކޮޅަށް ބޫޓާންގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ބޮލީވުޑްގެ ސުޕަސްޓާ އަދި ޔުނިސެފުން މި ސަރަހައްދަށް ކަނޑައަޅާފައިވާ ގުޑްވިލް އެމްބެސެޑަރު އާމިރް ހާން ބޫޓާން އަށް ޒިޔާރަތްކޮށްފި އެވެ.
އާމިރް ވަނީ ބޫޓާނަށް ކުރި ދަތުރުގައި ކާން ނުލިބުމުގެ ސަބަބުން އެކި ބަލިތައް ޖެހިފައިވާ އެ ގައުމުގެ ކުދިންނަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބަލާފަ އެވެ.
އާމިރް ބޫޓާނަށް ކުރި ދަތުރަށްފަހު އެ ގައުމުގައި ތިބި ކާން ނުލިބުމުގެ ސަބަބުން ހެދި ބޮޑުވުމަށް ހުރަސް ކުރިމަތިވެފައިވާ ކުދިންނަށް އިޝާރާތްކޮށް ބުނެފައިވަނީ، ސިއްހަތާއި ފައިދާހުރި ކާނާގެ ރޮނގުން ބޫޓާނުން ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް އެއީ އެގައުމުން އަދިވެސް ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. ފައިދާހުރި ކާނާއަކީ ކޮންމެ ކުއްޖަކަށްވެސް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ވަސީލަތެއް ކަމަށެވެ.
ޔުނިސެފްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޫޓާންގެ ކޮންމެ ފަސް ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކީ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ހެދިބޮޑުވުމުގައި ހުރަސްތައް ކުރިމަތިވާ ކުއްޖެކެވެ.
ދެ ދުވަހަށް ބޫޓާނަށް ކުރި ދަތުރުގައި އާމިރް ވަނީ އެގައުމުގެ ހެލްތު ޔުނިޓަކަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ބައެއް މާބަނޑު މީހުންނާ ވެސް ބައްދަލުކޮށްފަ އެވެ.