ބޮލީވުޑް

"ސުލްތާން" އަށް ފަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަކަށް "އެމް.އެސް ދޯނީ"

Oct 22, 2016

އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ކެޕްޓަން މަހެންދަރް ސިންދް ދޯނީގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަކީ މިހާތަނަށް ކުޅިވަރުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީ އެއް ލިބުނު ފިލްމެވެ.

ދޯނީގެ ކްރިކެޓް ހަޔާތެކޭ އެއްގޮތަށް މިފިލްމު ވެސް ބޮކްސް އޮފީހުގައި މަޑު ނުޖެހި ފިޔަ ޖަހަމުން އަންނައިރު މިފިލްމު ރިލީޒްކުރިތާ ނުވަ ދުވަހުގެ ތެރޭގައި އިންޑިއާއިން އެކަނި 100 ކްރޯޑް (1000 މިލިއަން) ރުޕީޒް ލިބިފައިވާއިރު، މފިލްމު ވަނީ ފުރަތަމަ ދުވަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ މާގާމު ވެސް ލިބިފަ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރި މިފިލްމު ތިން ހަފްތާވީއިރު ވެސް ބޮކްސް އޮފީހުގެ ދުވެލި މަޑު ނުޖެހޭއިރު މިހާތަނަށް އިންޑިއާއިން އެކަނި 129.50 ކްރޯޑް ލިބިގެން ވަނީ މިއަހަރުގައި ނިކުތް އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަކްޝޭ ކުމާރުގެ "އެއާލިފްޓް" ފަހަތަށް ޖައްސާލައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ މަގާމު ހޯދާފަ އެވެ.

"އެއާލިފްޓް" އަށް ވުރެން 1.81 ކްރޯޑް ގިނައިން ލިބިގެން މިފިލްމު މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ މަގާމު ލިބިފައިވާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން އެއްވަނައިގައި އަދިވެސް އުޅެނީ ސަލްމާން ޚާންގެ "ސުލްތާން" އެވެ.

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދޯނީގެ ރޯލު ކުޅެފައިވާ މިފިލްމު ރިލީޒްވިފަހުން އެތަކެއް ހިންދީ ފިލްމާއި، ހޮލީވުޑް އަދި ތަމަޅަ ފިލްމުތައް ރިލީޒްވި ނަމަވެސް އެއިން އެއްވެސް ފިލްމެއްގެ އަސަރު މިފިލްމަށް ކޮށްފައެއް ނުވެ އެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ މިފިލްމަށް ފުރަތަމަ ދުވަހުން ފެށިގެން އެހާބޮޑު އާމްދަނީއެއް ލިބެމުން އައިސްފައިވަނީ މިފިލްމަށް ބެލުންތެރިންނާއި ކްރިޓިކްސްއިން ތައުރީފުކޮށްފައިވުމާއި ދޯނީގެ ކްރިކެޓް ފޭނުން ގިނަވުމެވެ.

"ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ތައާރަފުވި ޓީވީ ތަރި ސުޝާންތްގެ ކެރިއަރުގައި އޭނާ އަށް ކުޅެވުނު އެންމެ ކާމިޔާބު އެއް ފިލްމަށް "އެމް.އެސް ދޯނީ" މިވަނީ ވެފަ އެވެ.