ބޮލީވުޑް

ސަލްމާން މުސްކުޅި ކަމަށް ބުނެ ތަމްސްއަޕްގެ އެމްބެސެޑަރުކަމުން ވަކިކޮށްފި

Oct 22, 2016
1

ސުޕަސްޓާ ސަލްމާން ޚާންގެ އުމުރުން 50 އަހަރުވެފައިވީ ނަމަވެސް އޭނާ އަކީ ބޮލީވުޑްގައި ތިބި ޒުވާން ތަރިންނަށް ވަކި އެންމެ ތަންކޮޅެއް ވެސް ދޫކުރާ ތަރިއެއް ނޫނެވެ.

ފާއިތުވި ހައަހަރެއްހާ ދުވަހުން ފެށިގެން ސަލްމާން އަންނަނީ އިންޑިޔާގެ ކޮކާކޯލާ ކުންފުނީގެ ތަމްސް އަޕް ބްރޭންޑް އެމްބެސަޑަރެެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ.

ނަމަވެސް ސަލްމާން އެކުންފުންޏާއެކު ހަދާފައިވާ އެމްބެސެޑާޝިޕް އެގްރީމަންޓް މީގެ މަހެއްހާ ދުވަސްކުރިން ހަމަވެފައިވާއިރު، އެކުންފުނިން މިދިޔަ ބުދަ ދުވަހު ވަނީ ސަލްމާންގެ އެއްބަސްވުން އިތުރަށް އާނުކުރަން ނިންމާފަ އެވެ.

ބޮލީވުޑްގެ ބައެއް ހަބަރުތައް ބުނާގޮތުން ސަލްމާން ތަމްސްއަޕްގެ އެމްބެސެޑަރެއްގެ ގޮތުގައި އިތުރަށް މަސައްކަތް ނުކުރުމަށް ކޮކާކޯލާ ކުންފުނިން ނިންމާފައިވަނީ އޭނާގެ ޒުވާންކަން ގެއްލި އުމުރުން 50 އަހަރުވެފައިވާތީ އެވެ. ތަމްސްއަޕް ޑްރިންކަކީ ޒުވާނުންނަށް ހާއްސަކޮށްގެން އެކުންފުނިން ނެރޭ ބުއިމަކަށް ވާއިރު މިހާރު އެމްބެސެޑަރަކަށް ހޯދަމުން އަންނަނީ ޒުވާން މޫނެއް ކަމަށްވެ އެވެ.

ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ސަލްމާނަށް 51 އަހަރު ފުރޭއިރު، ސަލްމާނަކީ މިހާތަނަށް އެކުންފުނީގެ އެންމެ އަގުބޮޑު އެމްބެސެޑަރުގެ ގޮތުގައި ހުރި ތަރި އެވެ.

ސަލްމާން މާ މުސްކުޅި ކަމަށް ބުނެ އޭނާ ތަމްސްއަޕްގެ އެމްބެސެޑަރުކަމުން ވަކިކޮށްފައިވާއިރު، އެކުންފުނިން މިހާރު އަންނަނީ ޒުވާން އެކްޓަރު ރަންވީރު ސިންގް އާއި އެބްރޭންޑްގެ އެމްބެސެޑަރަށް ވުމަށް މަޝްވަރާތައް ކުރަމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރު ތަމްސްއަޕްގެ އެމެބެސެޑަރެއްގެ ގޮތުގައި ސަލްމާން ހަމަޖެއްސީ އޭރު އެމްބެސެޑަރެއްގެ ގޮތުގައު ހުރި އަކްޝޭ ކުމާރުގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. އަދި އެފަހަރު ސަލްމާންގެ އެއްބަސްވުން އެކުންފުންޏާއެކު ހަދާފައިވަނީ ދެ އަހަރު ދުވަހަށް 18 ކްރޯޑަށެވެ.

ތަމްސްއަޕްގެ އިތުރުން ކޮކާ ކޯލާ ކުންފުނީގެ ކޯކްގެ އެމްބެސްޑަރުންގެ ގޮތުގައި މިހާރު ތިބި ތަރިންނަކީ ދިޕިކާ ޕަދުކޯން އާއި އާލިއާ ބަޓް އަދި ސިދާތް މަލްހޯތުރާ އެވެ.

ސަލްމާން އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެދެނީ ދުވާލެއްގެ މައްޗަށް 5 ކްރޯޑަށް ކަމަށްވާއިރު އޭނާ ހުށަހަޅާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ އެޕިސީޯޑެއް ހޮސްޓް ކުރަނީ 6-8 ކްރޯޑުގެ އަގަކަށް ކަމަށްވެ އެވެ.