ބޭރު ކުޅިވަރު

ރަޝިޔާ ވޯލްޑްކަޕަށް ހިޔަޅެއް

2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ މެސްކޮޓަކަށް ހިޔަޅެއް ހަމަޖައްސައިފި އެވެ.

ރަޝިޔާއިން ބުނީ ވޯލްޑް ކަޕުގެ މެސްކޮޓަށްވުމަށް ހިޔަޅު ކުރި ހޯދީ ބުޅަލާއި ސިންގާއާ ވާދަކޮށްގެން ކަމަށެވެ. އާއްމުންގެ ވޯޓުން ހިޔަޅަށް 53 ޕަސެންޓް ލިބިފައިވާއިރު ސިންގާ އަށް ލިބުނީ 27 ޕަސެންޓް ވޯޓެވެ. ބުޅަކަށް 20 ޕަސެންޓެވެ.

ރަޝިޔާގެ ކުޅިވަރާ ބެހޭ ވަޒީރު މިޓާއީ މުޓްކޯވް ވިދާޅުވީ ވޯލްޑް ކަޕުގެ ކުރިން އަންނަ އަހަރު އެގައުމުގައި ބާއްވާ ކޮންފެޑަރޭޝަންސް ކަޕާއި ވޯލްޑް ކަޕުގައި ހިޔަޅަކީ ސަޕޯޓަރުންގެ ހިޓަކަށްވާނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ. އަދި މިމެސްކޮޓް ރަޝިޔާ އާއި ދުނިޔޭގައި ރަޝިޔާ ތަމްސީލުކޮށްދޭނެ ކަމަށާއި ވޯލްޑް ކަޕް ފޯރި ގަދަކުރުމަށް މެސްކޮޓަށް އޮތީ ވަރަށް ފުޅާ ދައުރެެއް ކަމަށެވެ.

މެސްކޮޓް ރަސްމީކޮށް ތައާރަފްކޮށްދިނީ ބްރެޒިލަށް 1994 ވަނަ އަހަރާއި 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަޝްހޫރު ފޯވަޑް ރޮނާލްޑޯ އެވެ. އޭނާ ބުނީ މެސްކޮޓަކީ ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ވަރަށް މުހިންމު އެއްޗެއް ކަމަށާއި އެއީ މުބާރާތާއި ސަޕޯޓަރުން ގާތްގޮށްދޭ އަދި ދަނޑުގައި ފޯރި ހިއްޕައިދޭ އެމްބެސެޑަރެއް ކަމަށެވެ.