ހަބަރު

ވޯޓާޒް ލިސްޓަށް 300 ޝަކުވާ، މަރުވެފައި ތިބި މީހުންވެސް ހިމެނޭ!

  • އެޑްރެސް ދިމާނުވުމުގެ ޝަކުވާވެސް ބޮޑު
  • ޝަކުވާ ހައްލުކޮށް އާ ލިސްޓެއް މި ހަފްތާ ނެރޭނެ
  • އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފަސް ދުވަސް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 300 އެއްހާ ޝަކުވާ ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި މަރުވެފައި ތިބި މީހުން ރެޖިސްޓްރީކޮށްފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

"އަވަސް"އާ ވާހަކަދައްކަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ހަމަވެފައިވާ އިރު މިހާތަނަށް 300 އެއްހާ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުރީގެ އިންތިހާބާއި އެއްފަދައިން ގިނައިން ހުށަހެޅިފައި ހުރީ މަރުވެފައި ހުރި މީހުންގެ ނަންތައް އެ ލިސްޓުގައި ހިމެނިފައި ހުރުމާއި އެޑްރެސްގެ މައްސަލަތައް ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

"300 ޝަކުވާ ހުށަހެޅުނަސް އެ ހުރިހާ ޝަކުވާތަކެއް ރަނގަޅެއް ނުވާނެ. އަދި ފާހަގަކޮށްލަން ޖެހެނީ މި އަދަދަކީ އެހެން އިންތިހާބުތަކުގެ ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާތަކާ ބަލާފައި މަދު އަދަދެއް،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާތައް ބަލައި އިސްލާހު ކުރަމުން އަންނަ ކަމަށާއި މި ހަފްތާ ތެރޭގައި އާ ލިސްޓެއް ގެޒެޓް ކުރާނެ ކަމަށެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ގައި ބާއްވާ ތިންވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ އެވެ. އެ މަގާމްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އީސީއިން ހުޅުވާލާނީ މިމަހު 26 ގައެވެ.