އެފްއޭއެމް

މަޖިލީހުގެ ހަ މެމްބަރުންނާއެކު ބައްސާމްގެ ޓީމު އިއުލާނުކޮށްފި

0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކާއެކު އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރައްވާ ބައްސާމް އަދީލް ޖަލީލް އޭނާގެ ޓީމު އިއުލާނުކޮށްފި އެވެ.

ބައްސާމުގެ ނާއިބް ރައީސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. ދެވަނަ ނާއިބް ރައީސަކީ ކުރީގެ މަޝްހޫރު ވޮލީ އަދި ބާސްކެޓް ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.

މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކްސްކޯ މެމްބަރުގެ ގޮތުގައި ހިމަނާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ. އެކްސްކޯގައި ދެން ހިމެނެނީ މޯލްޑިވް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އެވެ.

ބައްސާމް ޓީމުގައި ހިމެނޭ ހަ މެމްބަރުން (ކ-ވ) ލަތީފް، ޝަހުދީ، މުއާޒް، މުހައްމަދު އަލީ، ޝާހު އަދި އަބުޅޯ. މީގެ ތެރެއިން ނާއިބް ރައީސަކީ ލަތީފް

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ވެސް ހުންނެވި ބައްސާމް މިރޭ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އޭނާގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށް، މެނިފެސްޓޯ ވެސް އިއުލާނު ކުރައްވާނެ ކަމަށެވެ.

އެފްއޭއެމުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 20ގަ އެވެ. އިންތިހާބުގައި ބައްސާމާ ވާދަކުރައްވަނީ މީގެ ފަސް މަސް ކުރިން ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ގައުމީ ފޯވަޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

އެފްއޭއެމުގެ އާ އިންތިހާބެއް މިބާއްވަނީ ޓޮމް އެފްއޭއެމް ހިންގި ގޮތާމެދު އެކްސްކޯގެ ފަސް މެމަބަރަކު ހިތްހަމަނުޖެހިގެން އިސްތިއުފާދީ ޓޮމްގެ މަގާމު ގެއްލުވާލުމުންނެވެ. އޭގެ ކުރިން ވަނީ ޖެނެރަލް ސެކްރެޓަރީ ކަމުން ބައްސާމް ވަކިކޮށްފަ އެވެ. ނަމަވެސް އެއީ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފީފާއިން ވަނީ ބައްސާމަށް އަލުން މަގާމު ދީފަ އެވެ.

އެކްސްކޯއިން އިސްތިއުފާދެއްވި މެމްބަރުންނަކީ ނާޒިމާ އާއި ނާއިބް ރައީސްކަމުގައި ހުންނެވި ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރާއި އެކްސްކޯ މެމްބަރުންގެ ގޮތުގައި ތިއްބެވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި ޓީސީގެ އަހުމަދު އީސާ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910